ވަރަށް ގާތްކޮށް އުޅުއްވުމަށްފަހު ސިޔާސީ ޚިޔާލު ތަފާތުވުންތައް ބޮޑުވެގެން ދުރުވި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ތިއްބެވީ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅަށް ދެއްކެވި ވާހަކަތައް އެއް ފަރާތް ކުރައްވައިގެން ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، ޕާޓީ ތެރޭގައި އަނެއްކާ ވެސް ވަނީ ޞާލިޙާއި ނަޝީދުގެ ފެކްޝަން އުފެދިފައެވެ. އެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް ޞާލިޙާއި ނަޝީދު މިއަދު ބައްދަލުކުރައްވައި، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވިއެވެ.
ޞާލިހު ވިދާޅުވީ، އެ ބައްދަލުވުމުގައި ޕާޓީއާއި ގައުމުގެ މުސްތަގުބަލާ މެދު ވާހަކަދެެއްކެވި ކަމަށެވެ.
ޕާޓީއަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭނެ ކަމަށާއި ނަޝީދާ މިއަދު ބައްދަލުކުރެއްވީ، ދުރު ނުވާ ހިސާބަށް ނުދާތީ ކަމަށް ޞާލިޙް ވިދާޅުވިއެވެ.
އަޅުގަނޑުމެން ނިންމީ ރިޔާސީ އިންތިޚާބުގެ ވާހަކަ އަދި ދައްކަން މާ އަވަހޭ. އެ ވާހަކަ ބާއްވާފައި ކުރިއަށް ދާނީޔޭ. އެ ވަގުތު ޖެހުނީމަ އަޅުގަނޑުމެން އެއަށް އެޓެންޑުވާނީ. ދުރުނުވާ ހިސާބަކަށް އެއް އިރެއްގައި ވެސް އަޅުގަނޑުމެން ނުދަން. އެހެންވެ މިތާ ތިބީކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
މި ވާހަކައާ ގުޅުވައި، ނަޝީދު ވިދާޅުވީ، މިއަދު ބައްދަލުވީ ކުރިން ކިޔާފައި ހުރި ފާޑުކިޔުންތައް ފަހަތަށް ޖައްސައިފައި ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި ޞާލިހު --- ފޮޓޯ/ އެމްޑީޕީ
"އެއްގޮތަކަށް ވެސް ނުދެކެން ރައީސް ޞާލިޙާއި އަޅުގަނޑާ މައްސަލައެއް ދެމިގެންދާ ގޮތަކަށް އޮވެދާނެ ކަމަކަށް. އެހެނެއް ނޯންނާނެ. ތިހެން ވިދާޅުވިޔަސް އެހާ ބައިވަރު އެއްޗިއްސެއް ބުނެވިފައެއް ވެސް ނޯންނާނެ," ނަޝީދު ވިދާޅުވިއެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ފާޑުކިޔާފައި ހުންނާނީ ކޮންމެވެސް ވަރަކަށް 'މިނައިގެން' ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދާއި ޞާލިހުގެ ދެމެދުގައި ޚިޔާލު ތަފާތުވުން ބޮޑުވީ، 2023ގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. އެ ދުވަސްވަރަށް އިޝާރަތްކުރައްވައި، ޞާލިހު ވިދާޅުވީ، އެއީ އޭރު ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ހިތުން އޭރު އަޅުގަނޑުމެންނަށް ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމައި އެ ހިސާބަށް ދިޔަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ދެން އެ ކަހަލަ ކަމެއް ދިމާނުވާ ގޮތަށް އެއަށް ވުރެ ކައިރިން ވާހަކަ ދެއްކިއްޖެއްޔާ އެ ކަހަލަ ލޮޅުމެއް ނާރާނެ،" ޞާލިޙް ވިދާޅުވިއެވެ.
އޭގެއިތުރުން، މިހާރު ތިބީ ކުރިން ހިނގި ޚިޔާލު ތަފާތުވުންތަކުގެ ވާހަކަތައް ތަކުރާރު ނުކޮށް، އެކުގައި ކުރިއަށް މަސައްކަތް ކުރުމަށް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މިތިބީ އެތައް އަހަރެއް ވެފައި. އެހެންވީމަ އެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް ދެން އިތުރަށް އެއަކަށް ދޭނެ ޖަވާބެއް ނޯންނާނެ. ވާހަކަތަކެއް ދެއްކިދާނެ. މިހިސާބުން ކުރިއަށް ދާން ޖެހޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޞާލިހުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު، ޞާލިޙްގެ ސަރުކާރަށް ފާޑު ވިދާޅުވެ ތުހުމަތުތައް ފާޅުގައި އަމާޒުކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވިއެވެ.
އޭރު ނަޝީދު ވަނީ ޞާލިޙާއި އެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ވެސް ކުރައްވައިފައެވެ.
އެއަށްފަހު ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވީއެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ޞާލިޙްގެ ވާދަކުރިއެވެ. ނަމަވެސް ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމިއެވެ.
ޞާލިޙަށް އެ އިންތިޚާބު ނާކާމިޔާބުވީ އޭގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ފަހުން، މި ސަރުކާރަށް ވެސް ތާއިދުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު، މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.