ހަފުތާއަކަށް ފަހު އަނެއްކާވެސް ދެބެއިންއެއްގެ މެދުގައި މާރާމާރީއެއް، އެކަކު ހައްޔަރުކޮށްފި

ފުލުހަކު މަގުމަތީގައި: ދެބެއިންގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެބެއިންގެ މެދުގައި މާރާމާރީއެއް ހިންގިތާ ހަފުތާއެއް ފަހުން، މާލޭގައި ވެސް ދެބެއިންގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު 18:42 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އެ ހަމަލާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މާރާމާރީ ހިންގައިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ އަށް ވަނަ ޓަވަރު އެޕާޓްމަންޓެއްގައެވެ.

https://sun.mv/215634

ފުލުހުން ބުނީ އެ އެޕާޓްމެންޓުން އަޑުގަދަ ކުރާމަކަށް މައުލޫމާތު ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލި ބެލުމުން، ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށެވެ.

އެ ހަމަލާގައި ޒަޚަމްވެފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފައިގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އޭނާއަށް ފަރުވާ ދޭން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ފުލުހުން ވަނީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް