ކުއްލި ހާލަތްތަކުގައި އެހީވުމާ ބެހޭ އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްއޭސީއެލުން ސޮއިކޮށްފި

ފުލުހުންނާއި އެމްއޭސީއެލުން އެމްއޯޔޫގައި ސޮއިކުރުން -- ފޮޓޯ: އެމްއޭސީއެލް

ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ފުލުހުން ސޮއިކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މި އެމްއޯޔޫއަކީ އެއާޕޯޓުގައި ދިމާވާ ކުއްލި ހާލަތްތައް މެނޭޖުކުރުމުގައި އެމްއޭސީއެލާއި ފުލުހުންނާ ދެމެދު، ގުޅިގެން މަސައްކަތް ކުރުން ހަރުދަނާކުރުމަށް ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ. މި އެމްއޯޔޫގެ ތެރެއިން ކުއްލި ހާލަތްތައް ދިމާވާ ވަގުތުތަކުގައި ދެ ފަރާތުގެ ދެމެދު ހިނގާ މުއާމަލާތްތައް އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެއެވެ.

އެމްއޭސީއެލުން އަންނަނީ ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓުތައް ވެސް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

https://sun.mv/215952

ފުލުހުންނާއި އެމްއޭސީއެލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރިއިރު މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރުނު ޑޮލަރުތައް ފެނިފައިވާކަން ނުވަތަ ނޫންކަން ވެސް އަދި ނޭނގެއެވެ.

އެއާޕޯޓުން ޑޮލަރުތައް ފޭރިގެންތާ މިދިޔަ ހޮނިހިރު ދުވަހަށް ބަރާބަރު ދެ މަސް ދުވަސްވީއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުން ފޭރުނު ޑޮލަރުތަކުގެ މައްސަލައިގެ އަދާހަމައަށް އެދުމުން ފުލުހުން 'ސަން'އަށް ބުނީ، އެ މައްސަލައިގެ ތަފުސީލެއް އަދި ނެތް ކަމަށާއި ލިބުނުހާ އަވަހަށް ތަފުސީލުތައް ހިއްސާކުރާނެ ކަމަށެވެ.

comment ކޮމެންޓް