ހުޅުމާލެއިން ޓޯކުރި 787 އުޅަނދުގެ ތެރެއިން 105 އުޅަނދު ދޫކޮށްފި

ހުޅުމާލެއިން އުޅަނދެއް ޓޯކުރަނީ -- ފޮޓޯ: ފުލުހުން

ހުޅުމާލޭގެ ދެ ފިޔަވަހީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޓޯކުރި 787 އުޅަނދުގެ ތެރެއިން ޖުމްލަ 105 އުޅަނދެއް މިހާރު ދޫކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ޓޯކޮށްފައިވާ އުޅަނދުތައް ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ޓޯކުރެވޭ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ބައެއް މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށް ބުންޏެވެ.

އެގޮތުން، އުޅަނދުތައް ދޫކުރުމުގެ ކުރިން ބަލަނީ:

  • ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިތޯ
  • ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ

އަދި ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެ ގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން އޮތްތޯ ބަލައެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކޮށް، ޕާކިން ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ ކުރީކޮޅު ފުލުހުން ކުރިއަށް ގެންދިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް