އެއާޕޯޓުން ޑޮލަރުތައް ފޭރުނުތާ 2 މަސް: އަދިވެސް ޑޮލަރަށް ވީގޮތެއް ނޭނގޭ

ވީއައިއޭގެ އާ ޓާމިނަލް: ފޭރުނު ޑޮލަރުތައް 2 މަސް ވީއިރު ވެސް ނުފެނޭ -- ފޮޓޯ/ ވީއައިއޭ

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރުނު ޑޮލަރުތައް ފެނިފައިވާކަން ނުވަތަ ނޫންކަން ވެސް ބުނަން ފުލުހުން މިއަދު ދެކޮޅު ހަދައިފިއެވެ.

އެއާޕޯޓުން ޑޮލަރުތައް ފޭރިގެންތާ އިއްޔެއަށް ބަރާބަރު ދެ މަސް ދުވަސްވީއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުން ފޭރުނު ޑޮލަރުތަކުގެ މައްސަލައިގެ އަދާހަމައަށް އެދުމުން ފުލުހުން މިއަދު 'ސަން'އަށް ބުނީ، އެ މައްސަލައިގެ ތަފުސީލެއް އަދި ނެތް ކަމަށާއި ލިބުނުހާ އަވަހަށް ތަފުސީލުތައް ހިއްސާކުރާނެ ކަމަށެވެ.

އެ މައްސަލައިގައި މިދިޔަ ނޮވެންބަރު މަހުގެ ދިހަވަނަ ދުވަހު ފުލުހުން ބުނީ، އެހާތަނަށް ޖުމުލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:

  • ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)
  • ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
  • ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
  • ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
  • މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
  • ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
  • ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)

އެ ހަތް މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި، ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.

https://sun.mv/214228

ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް އޭރު ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ.

އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

comment ކޮމެންޓް