މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޗޮކްލެޓު ފުޅިތަކެއްގައި ކަނޑުމަގުން ހަޝިޝް އޮއިލް އެތެރެކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ، ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ (47އ)އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު އާދިލް (57އ)އެވެ.
ފުލުހުން ބުނީ، އޭގެތެރެއިން، އަޙްމަދު ޢަލީ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށާއި މުޙައްމަދު ޢާދިލް ހައްޔަރުކުރީ އިއްޔެ ކަމަށެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރަނީ އެ މުއައްސަސާގެ ޑުރަގު އެންފޯސްމަންޓުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޗޮކްލެޓް ސިރަޕް ފުޅިތައް ޓެސްޓުކުރަނީ: މި މައްސަލައިގައި ދެ މީހުން ވަނީ ހައްޔަރުކޮށްފައި ---
ތިރީސް މިލިއަން ރުފިޔާއަށް އަގު އަރާ، ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮން އެއްޗެއްތޯ ވަނީ ބަލައިފައެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށެވެ.
ޖުމްލަ އަތެރެކުރި ހަޝިޝް އޮއިލްގެ ބަރުދަން 40 ކިލޯއަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތެއް ކަމަށްވާއިރު، ކެެނެބިސްއަކީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.