މިއަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި އަހަރު އެންމެ ބާރުބޮޑު ވާނެ އެއް ދުވަސްކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.
މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ވަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެކެވެ. އަދި ވަރަށް ގިނަ ދިވެހީން ވެސް ބޭރު ގައުމުތަކަށް އެކި ބޭނުންތަކުގައި ފުރާ ދުވަސްވަރެކެވެ.
އެމްއޭސީއެލުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި މިއަދު 22،000 އެއްހައި ފަސިންޖަރުންނަށް ޚިދުމަތް ދޭނެއެވެ. އޭގެ ތެރޭގައި އުމްރާގެ އަޅުކަމަށް ފުރާ ދިވެހީންނާއި، ރާއްޖެ އަންނަ، އަދި ފުރާ ފަތުރުވެރިން ވެސް ހިމެނެއެވެ. މިއަދު މެންދުރުފަހު 14:00 އާ ހަމައަށް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ވީއައިއޭއިން ޚިދުމަތްދޭ ދުވަހަކަށް މިއަދު ވާއިރު، ދަތުރުވެރިން ކުރިއާލާ އެއާޕޯޓަށް ގޮސް، ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް ފުރިހަމަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިހާރު ވީއައިއޭގެ އޭޕްރަންތައް އެކި އެއާލައިންތަކުގެ ބޯޓުތަކާއެކު އޮތީ ފުރިފައެވެ. އަދި ޕްރައިވެޓް ޖެޓުތައް ވެސް ވެސް ޕާކުކޮށްފައި އެބަހުއްޓެވެ.
މިދިޔަ އަހަރުގެ ވެސް ޑިސެންބަރު ފަހުކޮޅަކީ ވީއައިއޭއަށް ވަރަށް ބާރުބޮޑުވި ދުވަސްވަރެކެވެ.