ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގާތްގަނޑަކަށް 75 ޕަސެންޓު ހިއްކައި ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިރޭ ބުނެފިއެވެ.
ބޯހިޔާވަހިކަމަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު، މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ އަލުން ފަށައިފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން އޭރު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.
އެމްއޭސީއެލުން ބުނީ، މިވަގުތާ ހަމައަށް ތިންވަނަ ފިޔަވަހިން 47 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށާއި، އެއީ 74.6 ޕަސެންޓު ކަމަށެވެ.
ކުރިއަށް އޮތް ތިން މަހުގެ ތެރޭ ގިރާވަރު ފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގިރާވަރު ފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމަށް އިތުރު ޑްރެޖަރެއް ނެދަލޭންޑްސްއިން ގެނައިކަން އިއުލާނުކުރައްވަމުންނެވެ. އޭގެ ކުރިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމަށް ބޭނުންކުރަމުން ދިޔައީ އެންމެ ޑްރެޖަރެކެވެ.
ރައީސް ވިދާޅުވި ގޮތުގައި މިމަހު ފަހުކޮޅު ތިންވަނަ ފިޔަވަހި ހިއްކައި އެއްކޮށް ނިންމާލެވޭނެއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޕްރިންސް ޑަ ނެދަލަންޑެން އާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ވަރަށް ފަހުން އަލުން ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާޕްލޭން މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށް ދިޔުމުންކަމަށް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.