އިމުގެ މައްސަލައިގައި ހަފުތާތަކެއް ވަންދެން ހިނގި ހަމަނުޖެހުން ނިމުމަކަށް ގެނެސް ހަމަލާތައް ހުއްޓާލުމަށް ތައިލެންޑާއި ކެމްބޯޑިއާއިން އެއްބަސްވެއްޖެއެވެ.
ދެ ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި އެގޮތަށް އިއުލާނުކޮށްފައިވާއިރު، ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، ބައި މިލިއަނަށް ވުރެ ގިނަ އާންމުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ.
"މި ޖޮއިންޓް ސްޓޭޓްމަންޓުގައި ސޮއިކުރާ ވަގުތުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން ވެސް އެއްބަސްވޭ." ތައިލެންޑާއި ކެމްބޯޑިއާގެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކެމްބޯޑިއާއި ތައިލެންޑުގެ ގަޑިން މިއަދު މެންދުރު 12:00 ން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު، އެއްބަސްވުމުގެ ދަށުން ހުރިހާ ބާވަތެއްގެ ހަތިޔާރާއި އާންމުންނާއި އާންމުންގެ ތަކެއްޗާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމާއި، ދެފަރާތުގެ އަސްކަރީ ސަރަހައްދުތަކަށާއި ތަކެއްޗަށް ހަމަލާދިނުން ހުއްޓާލަން ޖެހެއެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކެމްބޯޑިއާ ބައެއް. ފޮޓޯ/ރޮއިޓާސް
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުގެ އިތުރުން ކުރީގެ ހަމަނުޖެހުންތަކުގައި ތައިލެންޑުން ހިފަހައްޓާފައިވާ ކެމްބޯޑިއާގެ 18 ސިފައިން އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ފަހުން ދޫކޮށްލަން ތައިލެންޑުން ވަނީ އެއްބަސްވެފައެވެ.
ހަމައެއާއެކު، ހަމަނުޖެހުންތައް މަދުކުރުމަށްޓަކައި، ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށްވެސް ދެ ފަރާތުން އެއްބަސްވިއެވެ.
އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސީއަން) ގެ އޮބްޒާވަރުންގެ ޓީމަކުން މިހާރު ވެފައިވާ އެއްބަސްވުން ތަންފީޒު ކުރަމުންދާ ގޮތް މޮނިޓާ ކުރާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާއިރު، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް ވެސް ފާޅުކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރަން ދެ ގައުމުން އެއްބަސްވެފައިވެއެވެ.
ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، އެތައް ބަޔަކު މަރުވި ފަހުން، އެމެރިކާއާއި މެލޭޝިއާ މެދުވެރިވެގެން ހަމަލާތައް ހުއްޓާލައި ސުލްހައިގެ އެއްބަސްވުމެއްގައި މިދިޔަ ޖުލައި މަހު ވެސް ސޮއިކުރިއެވެ.