ރަޝިއާގައި 149.9 މިލިއަން ރުބަލް (ގާތްގަނޑަކަށް 1.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ބޮޑު ޚިޔާނާތެއް ހިންގުމަށްފަހު ފިލައިގެން އުޅުނު ރަޝިއާގެ ދެމަފިރިއަކު، ތައިލެންޑުގެ ޕުކެޓްގެ ބިއުޓީ ސެލޫނެއްގައި ނިޔަފަތި ހަދަން ތިއްބައި އެޤައުމުގެ އިމިގްރޭޝަން ފުލުހުން ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ އިމިގްރޭޝަން ޕޮލިސް ޑިވިޜަން 6ގެ ތަރުޖަމާނު ޕޮލިސް ކާނަލް ޗަރޮއެންޕޮންގް ޚަންޓިލޯއާ ހަވާލާދީ "ބެންކޮކް ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި މި ދެމަފިރިންނަކީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ދެމީހުންނެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ޕުކެޓްގެ ތަލަންގް ޑިސްޓްރިކްޓްގެ ޗޮއެންގް ތަލޭ ސަބްޑިސްޓްރިކްޓުންނެވެ. އެމީހުން އެ ސަރަހައްދުގައި ކުއްޔަށް ހިފާފައިވާ އަގުބޮޑު ގެއެއްގައި ދިރިއުޅެމުންދާކަން ފުލުހުންނަށް ކުރިން ވަނީ ފާހަގަކުރެވިފައެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި، އެ ދެމަފިރިން ވަނީ އަސްލު އައިޑެންޓިޓީ ފޮރުވުމުގެ ގޮތުން ނަން ބަދަލުކޮށް، ވަނުއާޓޫގެ ޕާސްޕޯޓް ހޯދާފައެވެ.
ތަރުޖަމާނު ޗަރޮއެންޕޮންގް ވިދާޅުވި ގޮތުގައި ތައިލެންޑުގެ އިމިގްރޭޝަން ފުލުހުން މިހާރު ވަނީ އެ ދެމަފިރިންގެ ވިސާ ބާތިލުކޮށް، އަނބުރާ ރަޝިއާއަށް ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށާފައެވެ. ނަމަވެސް، ތުހުމަތުކުރެވޭ ދެމީހުންގެ ނަމާއި އުމުރު އަދި ކުށުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"ޕައްޓާޔާ މެއިލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕުކެޓް އިމިގްރޭޝަން އޮފިސަރުން މި ދެމަފިރިން ހޯދާފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ނިޒާމުތަކުގެ އިތުރުން، ތައިލެންޑުގެ އިމިގްރޭޝަން ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ބިދޭސީ މެހެމާނުންގެ މަޢުލޫމާތު ރިޕޯޓްކުރަންޖެހޭ އާންމުންނާއި، ގެދޮރު ކުއްޔަށްދޭ ފަރާތްތަކާއި، ހޮޓާ ހިންގާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައެވެ.
ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ "ރިއާ ނޮވޮސްޓީ" އިން ބުނި ގޮތުގައި، ތައިލެންޑުގެ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ ރަޝިއާގެ އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއިން އެދުމާ ގުޅިގެންނެވެ. ބޮޑު ޚިޔާނާތެއްގެ ކުށް ސާބިތުވެއްޖެނަމަ، މި ދެމަފިރިންނަށް ރަޝިއާގައި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މިދިޔަ ޖޫން މަހުވެސް، 150 މިލިއަން ބާތު (4.4 މިލިއަން ޑޮލަރު) އަށްވުރެ ގިނަ ފައިސާގެ ޚިޔާނާތާއި ލިޔެކިޔުން ފޯޖުކުރުމުގެ މައްސަލައެއްގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ރަޝިއާގެ އެހެން ފިރިހެނަކު ޕުކެޓްގެ އިމިގްރޭޝަން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.