ބެންކޮކުން 2.37 ކިލޯގެ ކްރިސްޓަލް މެތާއި 10 ކިލޯގެ ކެނަބިސްއާއެކު ދެ ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ބެންކޮކުން ހައްޔަރު ކުރި ދެ ދިވެހިން---

ތައިލެންޑުގެ ވެރިރަށް ބެންކޮކުން 2.37 ކިލޯގެ ކްރިސްޓަލް މެތް (އައިސް) އާއި 10 ކިލޯގެ ކެނަބިސްއާއެކު ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިވިޝަން 1 އިން ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރާޝިދު އާއި 34 އަހަރުގެ މުހައްމަދު ވިސާމް ކިޔާ ދެ މީހުން ކަމަށް އެ ގައުމުގެ ނޫސްތައް ބުނެއެވެ. އެ މީހުންގެ ވަނަވަރާ ގުޅޭ އިތުރު ތަފްސީލެއް ނެތެވެ.

މި ދެ މީހުން ހައްޔަރުކުރީ ބޭރަށް ފޮނުވަން ތައްޔާރުކޮށްފައިވާ ޕާރުސަލްތަކެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން އުޅެނިކޮށް ކަމަށް ނޫސްތައް ބުނެއެވެ.

https://www.sun.mv/228586

ބެންކޮކު ފުލުހުން ބުނި ގޮތުގައި، ކްރިސްޓަލް މެތް ފޮރުވާފައި ހުރީ ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް އަށް ތައްޓެއްގެ ތެރޭގައެވެ. ކޮންމެ ތައްޓެއްގައި 200 އާއި 300 ގްރާމާ ދެމެދުގެ މިންވަރަކަށް މެތް ހުއްޓެވެ. އަދި ކެނަބިސް ފޮރުވާފައި ހުރީ ކުޑަކުދިންގެ އަންނައުނާއި ކުޅޭ އެއްޗެހީގެ ތެރޭގައި ވަރަށް ބާރަށް ބަންދުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފެށީ މިދިޔަ ހޯމަ ދުވަހު ޕްރަތުނަމް ސަރަހައްދުގައި ހުންނަ ކާގޯ ކުންފުންޏެއްގެ މުވައްޒަފަކަށް ބޮޑެތި ޕާރުސަލްތަކަކުން އާދަޔާ ހިލާފު ވަހެއް ދުވާތީ ޝައްކުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ. އެ މުވައްޒަފު ވަނީ އެ ޕާރުސަލްތަކާ ހަވާލުވާން ދެކޮޅުހަދާފައެވެ. އެއަށްފަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި، ރަޗަތޭވީ ޑިސްޓްރިކްޓްގެ ސޮއި ޕެޗަބުރީ 11 ގައި ހުންނަ އިމާރާތެއްގެ ތިރީގައި މި ޕާރުސަލްތައް ބަހައްޓައިގެން ތިއްބައި ފުލުހުން ވަނީ އެތަން ހޯދާފައެވެ.

މި ދެ ދިވެހިން ހައްޔަރުކުރީ އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް ޕާރުސަލްތައް ފޮނުވުމަށްޓަކައި ޓުކްޓުކް އަކަށް އަރުވަން މަސައްކަތް ކުރަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން އެތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ އިތުރުން ޝިޕިންއަށް ބޭނުންކުރާ ބޮޑު ފަސް ފޮށި ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާއިރު، އެ މީހުންގެ މައްޗަށް ވަނީ ހުއްދަނެތި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ގެންގުޅުމާއި ވިއްކަން އުޅުމުގެ ދައުވާ އުފުލާފައެވެ.

ތައިލެންޑަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ގައުމެކެވެ. އެ ގައުމުގެ ގާނޫނުތަކުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި އުމުރުދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ކަނޑައެޅުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގުގައި މި ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

އެ މީހުން ފުލުހުން ގާތު ބުނި ގޮތުގައި، އެ ޕާރުސަލްތަކަކީ އިންޑިއާއަށް ފޮނުވައިދިނުމަށް ރައްޓެއްސަކު ހަވާލުކުރި އެއްޗެހިތަކެކެވެ. އަދި އޭގެ ތެރޭގައި ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ހުރިކަން ނޭނގޭ ކަމަށް ވެސް އެ މީހުން ބުންޏެވެ. އެހެންނަމަވެސް، ފުލުހުން ވަނީ އެ މީހުންގެ ވާހަކަތައް ގަބޫލުނުކުރާ ކަމަށާއި، ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ މި މައްސަލައާ ގުޅުމެއް ވޭތޯ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޭރުގެ ގައުމުތަކުން ދިވެހީން ހައްޔަރު ކުރުން މިވަނީ އިތުރުވާން ފަށައިފައެވެ. މިދިޔަ މަހު ވެސް ވަނީ ތައިލޭންޑުން، ވިއެޓްނާމަށް މަސްތުވާތަކެތި ގެންދިޔަ ދިވެއްސަކު 20 އަހަރަށް ޖަލަށް ލުމަށް ވިއެޓްނާމްގެ ކޯޓަކުން ހުކުމް ކޮށްފައެވެ.

comment ކޮމެންޓް