ދިވެހީން ގިނައިން ދާ ތައިލެންޑުން ފުރާ ކޮންމެ މީހެއްގެ އަތުން 1،000 ބާތުގެ ޓެކުހެއް ނަގަން ހުށަހަޅައިފި

ތައިލެންޑުގެ މަގެއް މަތި --

އެކި ބޭނުންތަކަށް ދިވެހީން އާންމުކޮށް ގޮސް އުޅޭ، ތައިލެންޑުން ވައިގެ މަގުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 1،000 ބާތުގެ ޑިޕާޗާ ޓެކުހެއް ނެގުމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ހުށަހަޅައިފިއެވެ.

ތައިލެންޑުގެ ރެވެނިއު ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މި ޑްރާފްޓް ގާނޫނުގެ ދަށުން، މި ޓެކްސް ނަގާނީ ފަސިންޖަރު ނިސްބަތްވާ ގައުމަކަށް ބެލުމެއް ނެތިއެވެ. މި ހުށަހެޅުމަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް މިދިޔަ ސެޕްޓެންބަރު 30 އިން މި މަހުގެ 29 އަށް ކުރިއަށްދާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

ތައިލެންޑުގެ ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބަދަލު ގެންނަން ހުށަހެޅީ މިހާރުގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ދައުލަތަށް މާލީ ގޮތުން ފަސޭހަތަކެއް ހޯދުމުގެ ބޭނުމުގައެވެ.

މި ޑްރާފްޓްގައިވާ ގޮތުން، ކޮންމެ ދަތުރަކަށް ގިނަވެގެން 5،000 ބާތާ ހަމައަށް ޓެކްސް ނެގުމުގެ އިހުތިޔާރު ގާނޫނުން ލިބިދޭނެއެވެ. ނަމަވެސް ފުރަތަމަ މަރުހަލާގައި ވައިގެ މަގުން ފުރާ މީހުންގެ އަތުން ނަގަން ކަނޑައަޅާފައިވަނީ 1،000 ބާތެވެ. އަދި އެއްގަމާއި ކަނޑުމަގުން ފުރާ މީހުންގެ އަތުން ފުރަތަމަ މަރުހަލާގައި މި ޓެކްސް ނުނަގާނެއެވެ. މި ޓެކްސް އާންމުކޮށް ނަގާނީ އެއާލައިންތަކުން ނުވަތަ ޓިކެޓް ވިއްކާ އޭޖެންޓުން މެދުވެރިކޮށް ޓިކެޓުގެ އަގާއެކުގައެވެ. މި ޓެކްސް ދެއްކުމުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިންނާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ބޭރު ގައުމުތަކުގެ އިސްވެރިންނާއި، ސަރުކާރުގެ ރަސްމީ މެހެމާނުން ހިމެނެއެވެ.

މި ގާނޫނު ފާސްވެއްޖެނަމަ، އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 180 ދުވަސް ފަހުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ގަނެފައިވާ ޓިކެޓުތަކުން މި ޓެކްސް ނުނަގާނެ ކަމަށް ރެވެނިއު ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

މީގެ ކުރިން 1983 ވަނަ އަހަރު އެކުލަވާލި ގާނޫނެއްގެ ދަށުންވެސް ތައިލެންޑުން ޑިޕާޗަރ ޓެކްސް ނެގިއެވެ. ނަމަވެސް 1991 ވަނަ އަހަރުން ފެށިގެން ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން މި ޓެކްސް ދެއްކުން އޮތީ އިސްތިސްނާކޮށްފައެވެ. ކުރީގެ ގާނޫނުގެ ދަށުން ޓެކްސް ނަގަމުން ދިޔައީ ހަމައެކަނި ތައިލެންޑުގެ ރައްޔިތުންނާއި އެ ގައުމުގައި ދާއިމީކޮށް ދިރިއުޅޭ ބިދޭސީންގެ އަތުންނެވެ.

އެހެންނަމަވެސް އަލަށް ހުށަހަޅާފައިވާ ބިލުގެ ދަށުން ހުރިހާ ގައުމެއްގެ ރައްޔިތުންގެ އަތުން ޓެކްސް ނަގާނެއެވެ. މިވަގުތު މިއީ ހަމައެކަނި ޑްރާފްޓަކަށް ވުމާއެކު، އެއާޕޯޓުތަކުގައި އަމަލުކުރަމުންދާ އުސޫލުތަކަށް އަދި އެއްވެސް ބަދަލެއް ނާދެއެވެ. މި ހުށަހެޅުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ އަދިވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް