އައިލެންޑް އޭވިއޭޝަންގެ ގެއްލުން ބޮޑުވެ، ފްލައިޓްތައް ގްރައުންޑްކުރާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި, އައިލެންޑް އޭވިއޭޝަނަކީ ގެއްލުމުގައި ހިންގާ ކުންފުންޏެކެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުންޏަށް 2.8 މިލިއަން ރުފިޔާގެ ގެއްލުމެއްވިއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެއީ 46.36 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަނުން ޖަވާބު ހޯދުމަށް، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު މިއަދު ވަނީ މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފައެވެ.

މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު---ފޮޓޯ: މަޖިލީސް
ޝާކިރު ހުށަހެޅުއްވި މައްސަލައިގައި ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު، ޚަރަދަށް ފަހު އާމްދަނީން ސަލާމަތް ކުރެވުނު މިންވަރު ނުވަތަ ގްރޮސް މާޖިން މަދުވިކަން ފާހަގަކޮށްފައެވެ.
މިދިޔަ 2024ގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ގްރޮސް މާޖިން ހުރީ 44 ޕަސެންޓުގައި ކަމަށްވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 32 ޕަސެންޓުގައި ކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ގްރޮސް މާޖިން 35 ޕަސެންޓަށް ދަށްވެފައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ގްރޮސް މާޖިން 24 ޕަސެންޓަށް ދަށްވިކަން ޝާކިރު ފާހަގަކުރައްވާފައިވެއެވެ.
މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން އެ ކުންފުނީގެ މަތިންދާބޯޓުތައް ގްރައުންޑުކޮށްފައިވާ ކަމަށް ޝާކިރުގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. ފްލައިޓު ލޮގުތަކަށް ރިއާޔަތްކުރައްވަމުން އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް މޯލްޑިވިއަންގެ އެއް A320 އިން ދަތުރެއްކޮށްފައިނުވާ ކަމަށެވެ.

މޯލްޑިވިއަންގެ އެންމެ ބޮޑު ފްލައިޓް އޭ330: -- ފޮޓޯ: މޯލްޑިވިއަން
"އެއާބަސް A330 މަތިންދާބޯޓެއް އޮޕްޓިމަމް މިންވަރަށް ބޭނުންކުރުމަށްޓަކައި މަހަކު ގާތްގަނޑަކަށް 360 ގަޑިއިރު ދަތުރުކުރަން ޖެހޭ. ނަމަވެސް މޯލްޑިވިއަންގެ އެއާބަސް A330 އިން މަހަކު އެވްރެޖްކޮށް ހާސިލުކޮށްފައިވަނީ 121 ގަޑިއިރު. މިއީ އޮޕްޓިމަމް މިންވަރުގެ އެންމެ 34 ޕަސެންޓް. އޮޕްޓިމަމް މިންވަރުގެ 50 ޕަސެންޓް ވެސް ހާސިލުކުރެވިފައެއް ނުވެ،" މިކަމުން އާމްދަނީއަށް ކިހާވަރެއްގެ އަސަރެއް ކުރިކަން ބަލައިދިނުމަށް ޝާކިރު ވަނީ އެދިވަޑައިގެންފައެވެ.
ހަމަ އެއާއެކު، A320 ފްލައިޓް ލޮގްތަކުން ދައްކާގޮތުގައި، އެ މަތިންދާބޯޓު ބޭނުންކުރެވުނު ގަޑިތައް ޝާކިރު ހުށަހެޅުއްވި މައްސަލައިގައި ހިމަނުއްވާފައިވެއެވެ.
- އޮގަސްޓު - ގާތްގަނޑަކަށް 230 ޕްލަސް ގަޑިއިރު
- ސެޕްޓެމްބަރު - ގާތްގަނޑަކަށް 130 ގަޑިއިރު
- އޮކްޓޯބަރު - ގާތްގަނޑަކަށް 25 ގަޑިއިރު
- ނޮވެންބަރު - ގާތްގަނޑަކަށް 100 ގަޑިއިރު
މިހާތަނަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު, މިދިޔަ ޖެނުއަރީ މަހު އިފުތިތާހުކުރި، ވައިޑް ބޮޑީ އޮޕަރޭޭޝަންތަކުން ފައިދާ ނުނެރެވޭ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއްގައި އަހަރު ނިންމަން ޖެހުމުގެ ބިރު އޮތްކަަމަށް ޝާކިރު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅާއި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާކެޓިންއަށް ކޮށްފައިވާ ޚަރަދު ބޮޑު ކަމަށް ކުންފުނީގެ މާލީ ރިޕޯޓުން ދައްކާއިރުގައި މިހާ ބޮޑު ގެއްލުމެއް ލިބެންވީ ކީއްވެގެންކަމާ ދޭތެރޭ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ކުންފުންޏަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަން ފާހަގަކޮށް، މައްސަލައިގައި ވަނީ މި އަހަރުގެ ނިޔަލަށް ކުންފުންޏަށް ލިބިފައިވާ ޖުމްލަ ގެއްލުމަކީ ކިހާވަރެއްތޯ ބެލުމަށް އެދިފައެވެ.
ގެއްލުމުގައި ހިންގާ މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާ ބޯޓު ގެނެސް ދުރު މަންޒިލުތަކަށް ދަތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް މޯލްޑިވިއަންއިން ސީދާ ދަތުރުތައް ފެށުމަށްޓަކައި، "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތަޢާރަފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ، ޑިސެންބަރު 17، 2023 ގައެވެ.
އެހެންނަމަވެސް، ވައިޑް ބޮޑީ މަތިންދާބޯޓަށް ތާއިދެއް ނުލިބި، ކުންފުންޏަށް އިތުރަށް ގެއްލުން ލިބޭނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެގޮތުން، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ، މޯލްޑިވިއަން މިހާރު ހިންގާ ގޮތުން ކުރިއަށް އޮތް 100 އަހަރު ވެސް އެ ކުންފުންޏަށް ފައިދާވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވަނީ، ގައުމީ އެއާލައިނަށް ވައިޑް ބޮޑީ ބޯޓުތަކެއް ކޮންމެހެން ބޭނުންވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެއަށްވުރެ ފައިދާހުރި ގޮތަކަށް ޕްލޭންތަކެއް ކުރެވުނު ނަމަ ކުންފުންޏަށް ރަނގަޅުވީސް ކަމަށް ވިދާޅުވެފައެވެ.