ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏަށް ލިބުނު ޖުމުލަ ގެއްލުން 1.79 ބިލިއަން ރުފިޔާއިން 1.61 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާކަން، އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ މާލީ އޮޑިޓުގައި ވަނީ 2024 ވަނަ އަހަރު ފެށިއިރު ކުންފުނީގެ ގެއްލުން ހުރީ 1.79 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އައިލެންޑް އޭވިއޭޝަންގެ ގެއްލުން ވަނީ 1.61 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.
އައިލެންޑް އޭވިއޭޝަނަށް ލިބުނު ގެއްލުން ކުޑަވެފައި ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް 181.86 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުމާ ގުޅިގެންނެވެ. އޮޑިޓް ރިޕޯޓުން ފެންނަން އޮތް ގޮތުގައި 2024ވަނަ އަހަރު އައިލެންޑް އޭވިއޭޝަން ނިންމައިލީ 2.82 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.
އެ ރިޕޯޓުން ހާމަވާ ގޮތުގައި މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް ޖުމުލަ އާމްދަނީގެ ގޮތުގައި 3.02 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ 2024ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 2.27 ބިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ 33.04 އިންސައްތަ އިތުރު އަދަދެކެވެ.
ދެހާސް ސައުވީހާ އަޅާބަލާއިރު މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް ފައިދާވި ނަމަވެސް، މަތިންދާބޯޓުތަކަށް އަޅާ ތެލަށް ކުރި ޚަރަދާއި މުވައްޒަފުންނަށް ކުރި ޚަރަދާއި ލީސްގެ ގޮތުގައި ދޫކޮށްފައިވާ މަތިންދާބޯޓުތަކަށް ދެއްކި ކުއްޔާއި މަތިންދާބޯޓުތަކުގެ މަރާމާތަށް ކުރި ޚަރަދުތައް އިތުރުވެފައިވާ ކަމަށް، އޮޑިޓް ރިޕޯޓުން ދައްކައެވެ.
އެގޮތުން މިދިޔަ އަހަރު ތެލަށް އައިލެންޑް އޭވިއޭޝަނުން 521.91 މިލިއަން ރުފިޔާ ޚަރަދުކުރިއިރު 2024ވަނަ އަހަރު ތެލަށް ޚަރަދުކުރީ 478.55 މިލިއަން ރުފިޔާއެވެ. ހަމަ އެހެންމެ މިދިޔަ އަހަރު މުވައްޒަފުންނަށް އައިލެންޑް އޭވިއޭޝަނުން 603.57 މިލިއަން ރުފިޔާ ޚަރަދުކުރިއިރު 2024ވަނަ އަހަރު މުވައްޒަފުންނަށް ޚަރަދުކުރީ 556.91 މިލިއަން ރުފިޔާއެވެ. އަދި ކުއްޔަށް ނަގައިފައިވާ މަތިންދާބޯޓުތަކަށް ކުލީގެ ގޮތުގައި މިދިޔަ އަހަރު 92.6 މިލިއަން ރުފިޔާ ދެއްކިއިރު 2024ގައި ދެއްކީ 22.48 މިލިއަން ރުފިޔާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަންގެ ހަރުމުދަލުގެ ގޮތުގައި 4.37 ބިލިއަން ރުފިޔާގެ ހަރުމުދާ އެބަހުއްޓެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި އައިލެންޑް އޭވިއޭޝަނަށް 399.75 މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި ޓެކްސްތައް ދެއްކުން މަގުފަހިކުރުމަށްޓަކައި އައިލެންޑް އޭވިއޭޝަނަށް 2.08 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް ރިޕޯޓުން އެނގެއެވެ.
އައިލެންޑް އޭވިއޭޝަނަށް އާމްދަނީ ލިބުނު ގޮތަށް ބަލައިލާއިރު، ސީޕްލޭންގެ ޚިދުމަތުން 2024ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރެވެ. ސީޕްލޭންގެ ޚިދުމަތުން މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 418.36 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު 2024ވަނަ އަހަރު ސީޕްލޭންގެ ޚިދުމަތުން އައިލެންޑް އޭވިއޭޝަނަށް ލިބުނީ 298.40 މިލިއަން ރުފިޔާއެވެ.
މުވައްޒަފުންނަށް އައިލެންޑް އޭވިއޭޝަނުން ކުރި ޚަރަދަށް ބަލާއިރު، އޮޑިޓް ރިޕޯޓުން ފެންނަން އޮތް ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް 2024ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު މުވައްޒަފުންގެ މުސާރައަށް އައިލެންޑް އޭވިއޭޝަނުން 548.73 މިލިއަން ރުފިޔާ ޚަރަދުކުރިއިރު 2024ވަނަ އަހަރު އެ އަދަދު ހުރީ 498.82 މިލިއަން ރުފިޔާގައެވެ.
ފާހަގަކުރެވޭ ގޮތުގައި ކުރީ ސަރުކާރުގައި ގައުމީ އެއާލައިން މޯލްޑިވިއަން ވަރަށް ބޮޑަށް ދަރައިފައި އޮތުމަށްފަހު، މިހާރު އެ އެއާލައިން ރަނގަޅު މިސްރާބަކަށް ދަތުރުކުރަން ފަށައިފައިވާ ކަމަށް، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެފައިވެއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވެއެވެ. ދެހާސް ސައުވީހުގައި އެ ކުންފުންޏަށް 2.82 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު، އެއީ އެ ކުންފުންޏަށް ޖެހިޖެހިގެން ގެއްލުމާ ކުރިމަތިލާން ޖެހުނު ފަސް ވަނަ އަހަރެވެ.