އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ޕްރައިމަރީ ފަށައިފިއެވެ.
ޕީއެންސީން މީގެ ކުރިން ވަނީ، އެ ޕާޓީން 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ބުނެފައެވެ.
އެ ޕާޓީގެ ޕްރައިމަރީ ހެނދުނު 9:00 ޖެހިއިރު ފަށައިފައިވާއިރު، 16:00އަށް ވޯޓުލުން ކުރިއަށްގެންދާނެއެވެ. އެގޮތުން މާލޭގައި އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުން ވޯޓުލުން ކުރިއަށްގެންދަނީ އިސްކަންދަރު ސްކޫލުގައެވެ.
ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކާއި ޕާޓީގެ މެންބަރުންގެ ލިސްޓު ޕާޓީ ޕޯޓަލްއިން، ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ވަނީ ހަދައިފައެވެ.
ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ ނަންބަރު، 9323686އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ބުނެފައެވެ.
ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެއެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ޕްރައިމަރީ ބާއްވަން އޮތީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ ހިތަދޫ، ސްޓާސް، ޑރ. އަހުމަދު އަދީލް ނަސީރާއި ހިތަދޫ، ތުނިޔަ، މުޝްރިފް އަލީއެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 68،665އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ.
ދެވަނައަށް އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 16ގައެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.