މީގެ ކުރިން އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކުރުމަށް އިއުލާނުކުރި، އިޒާމް ޒާހިރު އަދި ވެސް ނުފެންނަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ގދ. ވާދޫ، ސަބާހާ މަންޒިލަށް ނިސްބަތްވާ އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިގޮތުން، އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި، ނުވަ ފަހަރެއްގެ މަތިން އިއުލާނުކުރި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އަދިވެސް އޭނާ ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމަށް ހޯދާ، ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ ކުރީކޮޅު ވެސް އޭނާ ހޯދަން ފުލުހުން އިއުލާނުކުރިއެވެ. އެކަމަކު، އޭނާ ހޯދިފައެއް ނުވެއެވެ. އޭގެކުރިން ވެސް އެކި ފަހަރު މަތިން އިއުލާނުކޮށްފައި އެބަ ހުއްޓެވެ.
މީހުން ކޯޓަށް ހާޒިރުކުރުމަށް ދޭތެރެއަކުން ފުލުހުން އިއުލާނު ކުރެއެވެ. އެ ގޮތަށް ކުރާ މަސައްކަތް ފުލުހުންނަށް ކާމިޔާބު ނުވެއްޖެނަމަ، އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދިފައި އެބަ ހުއްޓެވެ.