މާލޭގައި ބިދޭސީ އަންހުންތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބިދޭސީ ތިން އަންހެނަކު މާލޭގެ މަގެއް މަތީގައި ހަމަނުޖެހުން ހިންގާ މަންޒަރު ފެނެއެވެ.
އޭގެތެރެއިން، ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ބިދޭސީ އަންހެނަކު ދެން ހުރި އަންހެން މީހާގެ ބޮލުގައި ހިފައިގަންނަ މަންޒަރު ފެނެއެވެ. އަދި، ކަޅު ޓޮޕެއް ލައިގެން ހުރި ބިދޭސީ އަންހެނެއް، ގޮށްމުށުން އެހެން އަންހެނެއް ގައިގައި ޖަހާ ތަން ފެނެއެވެ. އެ މާރާމާރީ ހުއްޓުވަން އެ މީހުންގެ ދެމެދުގައި ފިރިހެނުންތަކެއް ހަރަކާތްތެރިވިއިރު، އެ ސަރަހައްދަށް ގިނަ އަދަދަކަށް މީހުންނަށް އެއްވެފައި ތިއްބެވެ.
މި ކަމާ ގުޅިގެން، ފުލުހުން ބުނީ، އަސަރީ ހިނގުމުގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާ ކަމުގެ މައުލޫމާތު ލިބުނީ، 19:47 ހާއިރެވެ. މި މާރާމާރީ ހިންގާފައި ވަނީ، ނޭޕާލަށް ނިސްބަތްވާ އަންހެނުންތަކެއްގެ މެދުގައެވެ.
ފުލުހުން އަންނަނީ މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހުންގެ މެދުގައި މާރާމާރީ ހިންގާފައި ވަނީ ކެފޭއެއް ކުރިމަތީގައެވެ. ނަމަވެސް، މި މާރާމާރީ ހިންގަން މެދުވެރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލޭގައި ދޭތެރެއަކުން ބިދޭސީންގެ މެދުގައި މާރާމާރީތައް ހިންގައެވެ. މީގެ ކުރިން އައްޑޫގައި ދިވެހި އަންހެނުންތަކެއް މެދުގައި ވެސް ވަނީ ތަޅައިފޮޅުމެއް ހިނގައިފިއެވެ.