ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 30 މިލިއަން ރުފިޔާއަށް އަގުއަރާ ހަޝިޝް އޮއިލް ކަސްޓަމްސްއިން މިރޭ އަތުލައިފިއެވެ.
މިރޭ ކަސްޓަމުން ހިންގި ޚާއްސަ މި އޮޕަރޭޝަނަކީ ޗޮކްލެޓް ސިރަޕް ފުޅިތަކެއް ބަލައިފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ވަނީ ބަލައިފައެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ހަޝިޝް އޮއިލް ---
ޖުމްލަ އަތެރެކުރި ހަޝިޝް އޮއިލްގެ ބަރުދަން 40 ކިލޯއަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
ހަޝިޝް އޮއިލްއަކީ ކެނެބިސްގެ ބާވަތެކެވެ.
ކެެނެބިސްއަކީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ އެއްލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާން މިމަހުގެ ކުރީކޮޅު ލިޔުއްވާފައިވެއެވެ.