ދައުލަތުން މީޑިއާތަކަށް ފައިސާ ދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާ އުސޫލެއް އެކުލަވާލައި، މިއަދު ގެޒެޓުކޮށްފިއެވެ.
ދައުލަތުން މީޑިއާތަކަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ދިނުމަށް ވަނީ ނިންމަވައިފައެވެ.
އެ ނިންމެވުމާ ގުޅިގެން، މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު ފުރަތަމަ އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީންނެވެ. ނަމަވެސް އެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެން އޮތީ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.
އެހެންވެ، އެ ލިސްޓަށް ފާޑުކިޔުން އަމާޒުވުމުން ލިސްޓު އުވާލައި، މީޑިއާތަކަށް ފައިސާ ދިނުމުގެ މަސައްކަތް، މި ސަރުކާރުން އެކުލަވާލި މީޑިއާ ކޮމިޝަނާ ހަވާލުކުރީއެވެ.
މީޑިއާ ކޮމިޝަނުން ބުނި ގޮތުގައި އެ އުސޫލުގައި ބަލާ އެންމެ މުހިންމު މިންގަނޑަކީ މިދިޔަ އަހަރުގެ ޖަނަވަރީ އެއް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ މީޑިއާއެއް ކަމުގައި ވުމާއި ބްރޯޑްކާސްޓިން މީޑިއާއެއް ނަމަ ލައިސެންސް އޮތުމެވެ. އޭގެ އިތުރުން މާކްސް ދިނުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި:
- އެ މީޑިއާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު
- ހުށަހަޅާ ބިޒްނަސް ޕްލޭން
- ކޮންޓެންޓުގެ ބާވަތް
- މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ
- އިދާރީ އިންތިޒާމުތައް
އެ މާކްސް ދޭ ގޮތުގެ ތަފުސީލަށް ބަލާއިރު، މުވައްޒަފުންގެ އަދަދު ތިނަކަށް ވުރެ މަދު ނަމަ އެ މީޑިއާއަކަށް ލިބޭނީ ފަސް މާކްސްއެވެ. އަދި ހަތަރަކާއި ހަޔަކާ ދެމެދުގެ އަދަދެއް ނަމަ ހަ މާކްސްއެވެ. އެންމެ ގިނަ މާކްސް ލިބެނީ މުވައްޒަފުންގެ އަދަދު 31އިން މަތިވީމައެވެ. އެއީ 15 މާކްސް އެވެ.

މުވައްޒަފުންގެ އަދަދަށް ބަލައި މާކްސް ދޭ ގޮތް --
އެ މީޑިއާއަކުން ފައިސާއަށް އެދޭ އިރު ހުށަހަޅާ ބިޒްނަސް ޕްލޭންގައި، އެ މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ގިނަވެގެން ލިބޭނީ 15 މާކުހެވެ. އަދި ހުށަހަޅާ ޕްރްޕޯޒަލުގައި މި ބައިން އިޚުތިޔާރުކުރާ ކަންކަން އެނގޭނެ މީޑިއާގެ ޑިވެލޮޕްމެންޓް ޕްލޭނެއް ހުށަހަޅަން ވާނެއެވެ. އެގޮތުން ބަލާ ދާއިރާތަކުގެ ތެރޭގައި، އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި ޕަބްލިކް ސާވިސް ކޮންޓެންޓް ހިމެނޭހެން ކޮންޓެންޓުގެ ދާއިރާ ފުޅާކުރުން ހިމެނެއެވެ.
މީގެ އިތުރުން އިދާރީ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، އިދާރީ އޮފީހެއް ހުންނަތޯއާއި ޕެންޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަމުން ދޭތޯއާއި ކޯޑް އޮފް އެތިކްސް ނުވަތަ އެޑިޓޯރިއަލް ޕޮލިސީއެއް އެކުލަވައިލައި އާންމުކޮށްފައިވޭތޯ ބަލާނެއެވެ.

މީޑިއާގެ މުއްދަތަށް ބަލައި މާކްސް ދޭ ގޮތް --
މީޑިއާތަކަށް ފައިސާ ދިނުމަށް 27.9 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، އުސޫލުގައި ވަނީ އެ ފައިސާ ބަހާ ގޮތުގެ ފޯމިއުލާ ހިމަނައިފައެވެ.
މީޑިއާ ކޮމިޝަނުން ވަނީ، އަމިއްލަ މީޑިއާތަަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ބުނެފައެވެ.
މީގެ ކުރިން އެ ކޮމިޝަނުން ވަނީ، މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދިނުމަށް ކަމަށް ބުނެފައެވެ.