ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރާ ރިޓަޔާޑް ފުލުހުންނަށް، ރިޓަޔާމެންޓް އެލަވަންސް މެދުކަނޑާލަން ގަވައިދު އިސްލާހުކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއާއި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން --

މި ސަރުކާރުން ބައެއް މުހިންމު މަގާމުތަކަށް، ރިޓަޔާކޮށްފައިވާ ބޭފުޅުން އައްޔަންކޮށްފައިވާއިރު، އެގޮތަށް ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ ފުލުހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ގަވައިދު އިސްލާހުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި، ފުލުހުންގެ ރިޓަޔާމެންޓް ގަވައިދަށް ގެންނަ އިސްލާހުގައި ވަނީ، ރިޓަޔާ ކުރާ ފުލުހުންނަށް ދޭ އިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެ މަގާމުގައި
ނުވަތަ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔާމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑާލަންވާނެ ކަމަށެވެ.

އެ އިނާޔަތް މެދުކަނޑާލުމަށްފަހު ރިޓަޔާމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ދޭނީ ރިޓަޔާވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން، ރިޓަޔާވެފައިވާ ފުލުހަކު އިންތިޚާބީ މަގާމަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ހަވާލުވުމަށްފަހު، އެ ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ ރިޓަޔާމެންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ފުލުހުންގެ ރިޓަޔާމެންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ އިނާޔަތް އިޚުތިޔާރު ކުރަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.

އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.

https://sun.mv/215644

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރިޓަޔާކޮށްފައިވާ މީހުން އައްޔަންކުރުމުން، ޚަރަދުތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަންނަ ކަމަށެވެ. އެ ކަންބޮޑުވުންތައް ބަލައިގަނެ، ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ މީހުންނަށް ނުވަތަ އިންތިޚާބީ މަގާމަކަށް ހޮވޭ މީހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ނުލިބޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ކުންފުނިތަކަށް އައްޔަންކޮށްފައިވާ ރިޓަޔާޑް ފުލުހުންގެ ތެރޭގައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއާއި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން ހިމެނެއެވެ. އަދި އެމްއެންޑީއެފުން ރިޓަޔާކުރެއްވި ފަހުން އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާއި މިފްކޯގެ ސިއީއޯ ފަރުހަތު ޝަރީރާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ހިމެނެއެވެ.

comment ކޮމެންޓް