ކަށިން ހިތްވަރު ނެރެގެން ތާރީހީ ރަންވަނަ ހޯދަން ޓީމު ތައްޔާރު

ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވަނީ ސައްތަ އިން ސައްތަ ރެކޯޑަކާއެކު އެވެ. މިއީ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން އެއްވެސް މެޗަކުން ބަލިނުވެ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެ ޝަރަފު ހޯދީ ފަހަތުގައި އެތަކެއް ގުރުބާނީތަކަކާއެކު އެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން ފައިނަލުގައި ވާދަކޮށް ފުއްދާލަން ޖެހުނީ ރިހި މެޑަލުންނެވެ. ނަމަވެސް މިފަހަރު ހާއްސަވަނީ މޮޅުވުމުގެ ރެކޯޑަކާއެކު ފައިނަލަށް ދިއުމުންނެވެ. ގޯލްޑް މެޑަލްގެ އުންމީދު ބޮޑުވަނީ އެ ސަބަބާހުރެ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ކިރްގިސްތާނު އަތުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ ލީގު ބުރުގައި ކިރްގިސްތާނު 3-1 ސެޓުން ބަލިކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިކުރުމަށްފަހު ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު-- ސަން ފޮޓޯ: ނަދީމް

"ސަން" އާއި ވާހަކަދައްކަމުން ޓީމުގެ ހެޑު ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) އެންމެ ބޮޑަށް ފާހަގަކުރީ ޓީމުގެ އެއްބައިވަންތަކަމާއި ގުޅުމުގެ ވާހަކައެވެ. އަދި މި މަސައްކަތާއެކު އިތުރު ފައިނަލުގެ ފުރުސަތެއް ދެން ނުލިބޭނެކަން ކޯޗުގެ ވާހަކައިގައި ފާހަގަކުރިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ނިކުންނަނީ ހުރިހާ ހިތްވަރެއް ލައިގެން، ދެން މި ދުވަހެއް ކުޅުންތެރިންނަށް ނުލިބޭނެ، އެ ވިސްނުމުގައި މުޅި ޓީމުންވެސް ފައިނަލާ ކުރިމަތިލަނީ، ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި، މިއަދު ނުކުރި ކަމެއް ދެން ފަހަކުން ކުރަަން ނޯންނާނެ" ކޯޗު ނަދީމް ބުންޏެވެ.

ރާއްޖެ ޓީމުގެ ހެޑު ކޯޗު ނަދީމް-- ފޮޓޯ: ސަން

ކޯޗިން ޓީމުން މި މުބާރާތާ ކުރިމަތިލީ ތައިލެންޑުގައި ކޭމްޕެއް ފުރިހަމަކުރުމަށްފަހު އެވެ. އަދި ކޮންމެ ކުޅުންތެރިއެއް ވަކިވަކިން ކަންކަން ބެލުމަށްފަހު އެ ކަންކަން ހައްލުކޮށް މުބާރާތަށް އެ ކުޅުންތެރިންގެ ވިސްނުން ބައްޓަންކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ކޯޗު ފާހަގަކުރި އެވެ.

މީގެއިތުރުން މުޅި ޓީމާއި ކޯޗިން ޓީމުން ފާހަގަކުރީ ސަޕޯޓަރުންގެ ދައުރުގެ ވާހަކައެވެ. މި ދަތުރު މިގޮތަށް ފައިނަލާ ހަމަޔަށް އައީ ސަޕޯޓަރުންގެ ބޮޑު ދައުރަކާއެކު ކަމަށް މުޅި ޓީމުންވެސް ފާހަގަކުރެއެވެ.

މުޅި މުބާރާތުގައިވެސް ރާއްޖެއަށް ގެއްލުނީ އެންމެ ސެޓެކެވެ. ގެއްލުނީ ކިރްގިސްތާނު އަތުން ގެއްލުނު ސެޓު އެކަންޏެވެ. ދެން ކުޅުނު ހުރިހާ މެޗެއް ސީދާ ތިން ސެެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލުގައި ރާއްްޖެއާާއި ކިރްގިސްތާނު ބައްދަލުކުރާނީ މިރޭ 20:40 ގައެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް