ތިން މަސް ތެރޭ މާލޭގެ އެކި ހިސާބުތަކުން 42 ޓަނުގެ ކުނި ނަގައިފި

މަގުމަތި ސާފުކުރާ އަންހެނަކު ކުނި ކޮތަޅެއް ހިފައިގެން: ތިން މަސް ތެރޭ މާލޭގެ އެކި ހިސާބުތަކުން 42 ޓަނުގެ ކުނި ނަގައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ އެކި ސަރަހައްދުތަކުން ތިން މަސް ތެރޭގައި، 42 ޓަނުގެ ކުނި ނަގައިފިއެވެ.

ގިނަ ބަޔަކު ދިރިއުޅޭ މާލޭގެ މަގުތަކުގައި ފުނި ފުންޏަށް ކުނި ހުރެއެވެ. ޚާއްސަކޮށް، ބައެއް ސަރަހައްދުތަކުގައި އެ މައްސަލަ ވަރަށް ބޮޑެވެ. އެ ކަމުގެ ސަބަބުން ބަލިތައް ފެތުރެން މަގުފަހިވެ، މަގު ބޭނުންކުރާ މީހުންނަށް ދަތިތަކާ ކުރިމަތިވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، ކުނިތައް ނެގީ، އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމަންޓު ޔުނިޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މާލެ ސިޓީ ކައުންސިލުން ފަޅު ތެރެއަށް އަޅާފައި ހުރި ކުނިތަކެއް ނަގަނީ: ތިން މަސް ތެރޭ މާލޭގެ އެކި ހިސާބުތަކުން 42 ޓަނުގެ ކުނި ވަނީ ނަގާފައި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ޖުމުލަ 42.15 ޓަނުގެ ކުނި ތިން މަހުން ނަގާފައިވާއިރު، އޭގެތެރޭގައި ފަސް ގެއަކުން ނެގި ކުނިތައް ހިމެނެއެވެ. އެއީ، ގ. ރަބީއުވިލާއާއި މ. ޕެންޒީ ގާޑެންއާއި ގ. ހާމަގެއާއި ހ. މައިނާ ގޭގެ އިތުރަށް މ. ކެލިފޯނިޔާއެވެ. އެ ގެތަކުން އެކަނި 17.85 ޓަނުގެ ކުނި ވަނީ ނަގާފައެވެ.

ސިޓީ ކައުންސިލުން ބުނީ، މި އޮޕަރޭޝަނުގައި ކުރިން ވެސް މާލޭގެ ތިން ސަރަހައްދަކުން ކުނި ނަގާފައިވާ ކަމަށެވެ. އެއީ، ބާޒާރުމަތި ވަދުފޮށި ކަންމައްޗާއި ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރި މީހުން ހުއްޓުވައި، އެތަނާއި އާބުރުޒު މަގު ފުއްކަފަ ގޯޅި ކަންމަތިންނެވެ.

މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި މަގުތަކުގައި ފެން ބޮޑުވަނީވެސް ކާނުތަށް ފުރޭތީ ކަމަށެވެ.

މިގޮތުން، އެ ކާނުތަކުގައި ކުނި ގިނަވެ، ތާށިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކަށް ކުނިތައް އެޅިގެން އެކި ކަހަލަ ނަޖިސް މަގުމަތީ ފެތުރޭކަން ކަންބޮޑުވުމާއެކު، އާޒިމް ފާހަގަކުރެއްވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މޭޔަރު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ހެނދުނުން ފަށައިގެން އެ ކައުންސިލުގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ކުރެއެވެ. އެ މަސައްކަތުގެ ތެރެއިން، މާލެއާއި ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުން ވަނީ، އެ ކައުންސިލުން ކުރާ މަސައްކަތަށް އެއްބާރުލުން ދީ، މާލޭގެ މަގުތަކާއި ފަޅުތެރެއަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ.

https://sun.mv/207463

ފާހަގަކުރެވޭ ގޮތުގައި، މާލެ ސިޓީގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓުވުމަށް، ސިޓީ ކައުންސިލުން އަންނަނީ މަގަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކޮށް އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ. ނަމަވެސް، އެކަން ތަކުރާރުކޮށްފި ނަމަ އެ އަދަދަށްވުރެ އިތުރަށް ޖޫރިމަނާ ކުރަން ގާނޫނުގައި ބުނެފައިނުވާ ކަމަށް ސީޓީ ކައުންސިލުން ފާހަގަކުރެއެވެ.

comment ކޮމެންޓް