މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުން އަންނާތީ، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުތައް ފަދަ ތަންތަނުން މަދިރި ނައްތާލުމަށް ޚާއްސަ ހަރަކާތެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި އެ ހަރަކާތް ކުރިއަށްގެންދަނީ، މޯލްޑިވްސް ރެޑް ކްރެސެންޓާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އެޗްޑީސީގެ އިތުރުން މާލެ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.
އެޗްޕީއޭއިން ބުނީ މި ހަރަކާތަކީ، މާލެ ސަރަހައްދުގައި މަދިރި އާލާވާ ތަންތަނާއި، ޚާއްސަކޮށް އިމާރާތްކުރުމުގެ މަސައްކަތް ކުރާ ތަންތަން ބެލުމަށާއި ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
މަދިރި މަދު ކުރުމަށްޓަކައި ގޭތެރެއާއި މަސައްކަތްކުރާ މާހައުލުގައި ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ޑެންގީ ހުން ފެތުރުން މަދުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ ފެބްރުވަރީ މަހާ އަޅައިބަލާއިރު، މާޗު މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
އޭގެ ކުރިން މިދިޔަ ހޯމަ ދުވަހު، ޑެެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި، އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. އެއީ ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.
ޑެންގީ ފަތުރާ އީޑިސް މަދިރިއަކީ އާންމުކޮށް ދުވާލު ގަޑީގައި ހަފާ މަދިރިއަކަށް ވީނަމަވެސް، ހުރިހާ ވަގުތެއްގައި ވެސް ސަމާލުވުން މުހިންމެވެ.
ސާފު ފެން ހަރުލާ ކޮންމެ ތަނަކީ ވެސް އީޑިސް މަދިރި އާލާވެދާނެ ތަނަކަށްވާތީ، ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން އޮއްސާލި ކަމުގައިވިޔަސް، އެ ތަކެތީގެ ފާރުގައި ހަރުލާފައި ހުންނަ މަދިރި ބިސް ހަލާކުނުވެ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެއެވެ. އެހެންކަމުން އެފަދަ ތަކެތި ރަނގަޅަށް އުނގުޅައިގެން ދޮވެ ސާފުކުރުން މުހިންމެވެ.
ޑެންގީ ފަދަ ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަކީ ފަރުދީ އަދި ޖަމާއީ ޒިންމާއެކެވެ. މިކަމުގައި ލޯކަލް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ރަށް ސާފުކުރުމުގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އޮތް އެންމެ ފަހި މަގެވެ.