މާލޭ ކައުންސިލުން މުއްތަލިބަށް: އެެއްބާރުލުން ނުދެއޭ ވިދާޅުވިއިރު މެޖޯރިޓީ އޮތީ ޕީއެންސީގައި

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ހައުސިންގް މިނިސްޓަރ މުއްތަލިބު ދެއްކެވި ވާހަތަކާއި ގުޅިގެން އެކަން ދޮގުކޮށްފަ-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މާލޭ ސިޓީ ކައުންސިލަށް ކުރެއްވި ތުހުމަތުތަކަށް އެ ކައުންސިލުން ރައްދުދީފިއެވެ. މިނިސްޓަރު ވަނީ މާލޭގެ މަގުތައް ހެދުމާއި ފެންބޮޑުވާ މައްސަލައިގައި ކައުންސިލުން އެއްބާރުލުން ނުދޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކައުންސިލުން ބުނީ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށާއި މަގުތައް މަރާމާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވާއިރު، މިނިސްޓަރުގެ ވާހަކަތަކުން އަމިއްލަ ޕާޓީގެ މެންބަރުންނަށްވެސް ފާޑުކިޔުން އަމާޒުވާކަން ކައުންސިލުން ފާހަގަކުރިއެވެ.

  • މިނިސްޓަރު މުއްތަލިބު ވަނީ މާލޭ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ތުހުމަތުކުރައްވާފައި.
  • ކައުންސިލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކޮށްފައި.
  • ބޮޑުތަކުރުފާނު މަގުގެ މާރުކޭޓު ނެގުން ލަސްވީ ރަމަޟާން މަހު ވިޔަފާރިވެރިންނަށް ގެއްލުންވެދާނެތީކަމަށް ކައުންސިލުން ބުނެފައިވޭ.
  • ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީއަށްކަން ކައުންސިލުން ވަނީ ފާހަގަކޮށްފައި.

މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ސަރުކާރަށް ނުލިބޭ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއިރު، އެ ކައުންސިލުގެ އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ޕީއެންސީއަށްކަން އެ ކައުންސިލުން ފާހަގަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބު ވަނީ، ރަށްރަށާއި ސިޓީތަކުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާއަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީ ގޮތުން އެ ރަށެއްގެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މަގުތައް ހަލާކުވެފައި ހުންނަ މައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ދޭއިރު، އޭގެ ފައިދާ ރައްޔިތުންނަށް ނުފެންނަ ކަމަށެވެ. ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއްތޯ އާއި، އަމަލީ ގޮތުން ކުރަނީ ކޮން މަސައްކަތެއްތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.

https://sun.mv/220658

މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަށް މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމުގެ ތުހުމަތު ވެސް މުއްތަލިބު ކުރެއްވިއެވެ. އެގޮތުން މަގު ފުޅާކުރުމަށް ޓަކައި މާރުކޭޓެއް ނަގަން އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް އެކަން ކޮށްފައި ނުވާތީ، އެ ސަރަހައްދުގެ މަގު ނިންމަން ޖެހުނީ ޕޭވްމަންޓާ ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ޝަފީއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރު ދައްކަވަމުން ގެންދަވަނީ ހަގީގަތާ ކަނޑައެޅިގެން ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޝަތުފާ ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ކައުންސިލުން ދެ ޕަންޕު ހޯދައި، އެ ތަކެތީގެ އެހީގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، މަޖީދީމަގުގެ އަށް ސަރަހައްދެއްގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައަކީ މާޒީގައި ހައުސިން މިނިސްޓްރީގެ އިހުމާލުން ދިމާވެފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ 45,000 އަށްވުރެ ގިނަ ކާނު ސާފުކޮށްފައިވާ ކަމަށާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބޭނުންވާ އެހީތެރިކަން ނުލިބުނު ކަމުގައި ވިޔަސް، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން މެދުނުކެނޑި ކުރިއަށްގެންދާ ކަމަށް ޝަތުފާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެ މަޝްރޫއުގެ ކޮންސެޕްޓް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މާރުކޭޓު ސަރަހައްދު ހުސްކުރުމަށް ސަރުކާރުން އެންގީ ރަމަޟާން މަހު ކަމަށްވުމުން، ވިޔަފާރިވެރިންނަށް ލިބިދާނެ ގެއްލުމަކަށް ބަލައި، ކައުންސިލުން ނިންމީ ރަމަޟާން މަސް ނިމެންދެން މަޑުކުރުމަށް ކަމަށް ޝަތުފާ ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތްކުރަމުން އަންނައިރު، ވިޔަފާރިވެރިންނަށް އައު ގޮޅިތައް ހަމަޖައްސައިދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއަކީ ކުރީގެ ސަރުކާރުގައި ފެށި މަސައްކަތެއްކަން ފާހަގަކުރައްވައި، ޝަތުފާ ވިދާޅުވީ މި މަޝްރޫއުގެ ފަންޑިން އާއި ޑިޒައިންގެ މަސައްކަތްތައް ނިންމާފައިވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ. އެހެންކަމުން، މަގު ހެދުމުގެ މަސައްކަތަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ބުނެ މިނިސްޓަރު ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އައްޑު އާއި މާލޭގެ ކައުންސިލަށް ބޮޑެތި ފާޑުކިއުންތަކެއްވަނީ އަމާޒުކުރައްވާފައި ... ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު މުއްތަލިބު ކައުންސިލްތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެވަޑައިގަންނަވާ ކަމަށް ތުހުމަތުކޮށް، ލާމަރުކަޒީ ގާނޫނަށް އިހުތިރާމް ކުރުމަށް ޝަތުފާ ވަނީ ގޮވާލައްވާފައެވެ. ކައުންސިލްތަކަކީ މިނިވަންކަމާއެކު ހިންގަންޖެހޭ މުއައްސަސާތަކެއް ކަމަށާއި، އެ ތަންތަނުގެ ދާޚިލީ މަސައްކަތްތަކަށް މިނިސްޓްރީން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލްގައި ސަރުކާރު ހިންގާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތްކަން ފާހަގަކުރައްވައި، މިނިސްޓަރުގެ ވާހަކަތަކުން އަމިއްލަ ޕާޓީގެ މެންބަރުންވެސް މަސައްކަތަށް ހުރަސްއަޅާކަން ދޭހަވާ ކަމަށް ޝަތުފާ ވިދާޅުވިއެވެ. އޭނާ ވަނީ މިނިސްޓަރުގެ މި ވާހަކަތަކަކީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ދޮގު މައުލޫމާތުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮންނަނީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު، އެ ޕާޓީގެ ކައުންސިލަރުން އެއްފަހަރާ ހާޒިރުނުވުމުން، ބައެއް މައްސަލަތައް ނުބެލޭ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދައިފައިވަނީ ސަރުކާރާ އިދިކޮޅު އެމްޑީޕީންނެވެ. އަދި މިހާރު ތިއްބެވި އެމްޑީޕީގެ ހުރިހާ މޭޔަރުން ވަނީ މަގާމު ދިފާއުކުރައްވައިފައެވެ.

comment ކޮމެންޓް