މާލެ ސަރަހައްދުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ދަފުތަރާ ގުޅޭ ދެ މައްސަލައެއް އެޖެންޑާކޮށްފައިވަނިކޮށް، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވީ އަށް ކައުންސިލަރުންނެވެ. އަށާރަ ކައުންސިލަރުން ތިބޭ މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއް ބޭއްވޭނީ މަދުވެގެން 10 ކައުންސިލަރުން ހާޒިރުވުމުންނެވެ.
އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މޭޔަރު އާދަމް ޢާޒިމް ވަނީ ޖަލްސާ ނިންމަވާލައްވައިފައެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ބައެއް މަސައްކަތްތަކަކީ:
- ބިމުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު މި މަހުގެ 20އަށް ހަމަވާތީ، އެ ދުވަހުގެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް
- ދަފުތަރުގައި ހިމަނާފައިނުވާ އެއްބަސްވުންތަކާމެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް
- ވިލިމާލޭގައި ގާއިމްކުރުމަށް ނިންމި އަންހެނުންގެ މާކެޓާއި އައުޓްޑޯ ފުޑް ކިއޯސްކް މަޝްރޫއު ކާމިޔާބުކުރި ފަރާތާއެކު އެއްބަސްވުމެއް ހަދާފައިވަނިކޮށް، ބީލަމުގައި ބައިވެރިނުވާ ފަރާތަކާއެކު މަޝްރޫއު ހިންގުމަށް އެއްބަސްވެ، ބިން ހަވާލުކުރި މައްސަލަ
މާލެ ސިޓީ ކައުންސިލްގައި ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީގައެވެ. އެގޮތުން، 18 ކައުންސިލަރުންގެ ތެރެއިން 14 ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށް ކަމަށްވާއިރު، ތިން ކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. މިވަގުތު ކައުންސިލްގައި މިނިވަން މެންބަރަކަށް ހުންނެވީ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ ޢަލީ އެކަންޏެވެ.
މިދިޔަ ނޮވެމްބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާއެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.
އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ހުށަހަޅައިފައިވެއެވެ.
އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.
އެ ސިޓީގައި ވަނީ، ވަރަށް ފަހުން އެ ކައުންސިލުން އާންމުކުރި މާލޭގެ ބިންތަކުގެ ތަފްސީލުތައް ހުރި ލިސްޓުގައި ކުށް ހުރި ކަމަށާއި ފުރިހަމަނުވާ މައުލޫމާތު ހުރިކަމަށެވެ.
މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެގޮތުން މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ނުބޭއްވުނެވެ.
އެހެންނަމަވެސް، އެ މައްސަލައިގައި ޕީއެންސީގެ ކައުންސިލަރުންގެ ޝާމިލުވުމެއް އޮތްކަން ފާހަގަނުވާ ކަމަށް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.