ދެ ގަޑިއިރު ފަހުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދީފި

ހުޅުމާލެ މަގެއް މަތި: ދެ ގަޑިއިރު ފަހުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދީފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓު ކެނޑުނުތާ، ދެ ގަޑިއިރަށް ވުރެ ގިނައިރު ފަހުން، ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް އަލުން ކަރަންޓު ދީފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ހެނދުނު 09:00 ޖެހި ފަހުންނެވެ. މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދޭ ސްޓެލްކޯއިން އެކަން އިއުލާނުކުރީ، 09:33ގައެވެ.

އޭގެފަހުން، 11:47ގައި ސްޓެލްކޯއިން ބުނީ، ކުރިއަށް އޮތް ފަނަރަ މިނެޓު ތެރޭ ކަރަންޓު ކެނޑުނު ހިސާބުތަކަށް އަލުން ޚިދުމަތް ދެވޭނެ ކަމަށެވެ.

އެ ކުންފުނިން، 11:54ގައި ބުނީ، ޕްލެޓިނަމް ރެސިޑެންސްގެ ބައެއް ކަސްޓަމަރުން ފިޔަވާ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯގެ ޓައިމްލައިންތަކަށް ބަލާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް އަލުން ކަރަންޓުގެ ޚިދުމަތް ދެވުނީ ދެ ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހި: ދެ ގަޑިއިރު ފަހުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދީފި --- ފޮޓޯ: ހައުސިން މިނިސްޓްރީ

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު 26ގައި ވެސް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.

އެ މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވި ސްޓެލްކޯ މުވައްޒަފަކު ވަނީ ނިޔާވެފައެވެ.

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މިދިޔަ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.

އޭރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއަށް އެނގޭ ކަމަށާއި މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/210242

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.

comment ކޮމެންޓް