ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ، ސްޓެލްކޯއިން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެހެންވެ، ދިމާވި މައްސަލަ ދެނެގަނެ، ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު 26ގައި ވެސް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.
އެ މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވި ސްޓެލްކޯ މުވައްޒަފަކު ވަނީ ނިޔާވެފައެވެ.
މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މިދިޔަ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.
އޭރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއަށް އެނގޭ ކަމަށާއި މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.