އެކްސިޑެންޓުތައް މަދުކުރެވޭނީ ޓްރެފިކް ފުލުހުންގެ ބާރު ހަރުކަށިކޮށް ތަންފީޒުކޮށްގެން: ހާތިފް

ފުލުހުން މަގުމަތީގައި: މަގުމަތީގައި އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ފުލުހުން

މަގުމަތީގެ އެކްސިޑެންޓުތައް މަދުކޮށް ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރެވޭނީ ޓްރެފިކް ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ހަރުކަށި ގޮތެއްގައި ތަންފީޒުކުރެވިގެން ކަމަށް، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެއްޖެއެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އަޙްމަދު ފަޞީޙް ވަނީ, މި ފަހުން އާއްމުންގެ ފާޑުކިޔުން ބޮޑުވުމުގެ ސަބަބުން ހުޅުމާލޭ މަގުތަކުން ބަމްޕަރުތައް ނަގަން ޖެހުމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ބަމްޕަރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ ޒާތު ތަކެތި ކަމަށާއި އޭގެ ސަބަބުން ހުޅުމާލޭގައި އެކްސިޑެންޓް މަދުވި ކަމަށެވެ.

ފަޞީޙް ވިދާޅުވީ, ގޯހީ މަގުމަތީގައި ހަރުކޮށްފައި ހުރި ބަމްޕަރުތަކެއް ނޫން ކަމަށާއި ދުއްވާ މީހުންގެ އަމަލުތައް ކަމަށެވެ. އެގޮތުން ބަމްޕަރަށް އެރުމުގެ ކުރިން ސްޕީޑް މަޑުކުރަންޖެހޭ ވަރަށް މަޑުކުރާނަމަ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅުވައި, ހާތިފް އިއްޔެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދުފަހަރުން ދުއްވުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މަނާކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އެ ގާނޫނުގެ ދަށުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ފުލުހުންނަށް އުޅަނދުފަހަރާއި ލައިސަންސް ހިފެހެއްޓުމުގެ ބާރު ދީފައިވާކަން ހާތިފް ފާހަގަކުރެއްވިއެވެ.

ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޓްރެފިކް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ހުޅުމާލޭގެ އެތައް މިތަނުގައި ހަރުކޮށްފައިވާ ކެމެރާތަކާއި، ސްޕީޑް ގަން ބޭނުންކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބިފައިވޭ. އަދި ޑިއުޓީއަށް މަގު މަތީގައި ތިބޭ ޓްރެފިކް ފުލުހުންނަށް ސީދާ ޓްރެފިކް މޮނިޓާކޮށް، ކޮންޓްރޯލްކުރުމުގެ ފުރުސަތު އެބައޮތް،" ހާތިފް ލިޔުއްވާފައިވެއެވެ.

އެގޮތުން، ބާރު ސްޕީޑުގައި، އަދި ފަރުވާކުޑަކޮށް އުޅަނދުފަހަރު ދުއްވާ މީހުންގެ ލައިސަންސް ހިފަހައްޓައި، ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ލިބިފައިވާކަން ފާހަގަކުރައްވައި ހާތިފް ލިޔުއްވިގޮތުގައި އެ އުޅަނދުފަހަރު ދުއްވާފައިދާ މީހުން އެކަން ކުރަނީ ސިއްރަކުން ނޫނެވެ.

އެފަދަ އުޅަނދުފަހަރު ހުއްޓުވުމުގެ ބަދަލުގައި، ދެ ބަމްޕަރު ދެމެދު އިތުރު ބަމްޕަރު ހަރުކޮށް، ގަވައިދުން އުޅަނދުފަހަރު ދުއްވާ މީހުންނަށް އެކަމުގެ އަސަރުކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މިފަދަ އުޅަނދުތައް ހިފެހެއްޓުމުގެ ބަދަލުގައި، ދެ ބަމްޕަރު ދެމެދުގައި ފަސް މިނެޓުވެސް ނުހިމެނޭ ގޮތަށް ބަމްޕަރުތަކެއް ހަރުކޮށް، ގަވައިދުން އުޅަނދު ދުއްވާފައިދާ މީހާ، އެއް ބަމްޕަރު މަތިން އަނެއް ބަމްޕަރު މަތިން، ފުންމަމުން ދާންޖެހޭ ގޮތަށް ދުއްވަން ހެދުމުގެ ބަދަލުގައި، ޓްރެފިކް ފުލުހުންނަށް ލިބިފައިވާ ބާރުތައް ހަރުކަށި ގޮތެއްގައި ތަންފީޒުކޮށްގެން ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރެވިދާނެކަމަށް ގަބޫލުކުރަން،" ހާތިފް ލިޔުއްވާފައިވެއެވެ.

ހުޅުމާލޭގައި ހަދާ އައު ސްޕީޑު ބްރޭކަރުތައް: މި ބްރޭކަރުތައް ވަނީ ފަހުން ނަގައިފަ ---- ފޮޓޯ/ އެޗްޑީސީ

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޞީޙް އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ބަމްޕަރު އެޅުމުގެ މަސައްކަތަށް، އެ ތަކެތީގެ ސައިޒުތަކާއި ހުންނަންވީ ކަންކަމުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކުރި ކަމަށެވެ. ހުޅުމާލޭގެ މަގުމަތީގައި އެޅި ބަމްޕަރުތަކަކީ ރާއްޖޭގައި އަލަށް އެޅި ބަމްޕަރުތަކެއް ނޫންކަމަށާއި އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ބަމްޕަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ މައި މަގުކަމަށްވާ ނިރޮޅުމަގުގައި ބަމްޕަރު އެޅުމުން އެކްސިޑެންޓް މަދުވިކަން ފާހަގަ ވެސް ވިކަމަށެވެ. އެހެންކަމުން އެ ބަމްޕަރުތަކަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް އޮތް އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.

https://sun.mv/215734

"އެހެންނަމަވެސް ރައްޔިތުންގެ ޝަކުވާއަށް ބައްލަވައިފައި ރައްޔިތުންނަށް އޭގެ ސަބަބުން ތަކުލީފުތަކެއް ވާތީ އެ ގެންދިޔައީ. އެހެންނަމަވެސް އެއީ ދިވެހިރާއްޖޭގައި އެކަނި ބޭނުންކުރާ ބަމްޕަރުތަކެއް ނޫން. ހަމަ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބޭނުންކުރާ ބަމްޕަރުތަކެއް އެއީ. ދިވެހިރާއްޖޭގައި ހައްދައިގެން ގެނައި އެއްޗެއް ވެސް ނޫން. ހަމަ އެހެން ތަންތަނުން ސްޓޭންޑަޑް ބަމްޕަރު އެއީ. އެހެންވީމާ ބަމްޕަރުގެ ސީދާ މައްސަލައެއް ހުރިކަމަށް އަޅުގަނޑުމެންނަށް އެއްގޮތަކަށް ފާހަގައެއް ނުކުރެވޭ،"

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެޗްޑީސީން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރަމުން އަންނަ ކަން ހާމަކޮށްފައެވެ. އެއީ މީހުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ބުނި ނަމަވެސް، އާންމުންގެ ފާޑުކިއުން ވަނީ އެކަމަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

https://sun.mv/215209

އެގޮތުން ކާރާއި ސައިކަލު ދުއްވާ މީހުންގެ ނިސްބަތަށް ބަލާއިރު، ބާރު ސްޕީޑުގައި ދުއްވާ މީހުންގެ އަދަދު މަދު ކަމަށާއި، އެ ބްރޭކަރުތައް ހަރުކުރުމަކީ ރައްޔިތުންނާއި އަގުބޮޑުކޮށް ގަނެފައި ހުންނަ ވެހިކަލްތަކަށް ދެވޭ ގެއްލުމެއް ކަމަށް، ކަންބޮޑުވުން ފާޅުކުރި މީހަކު އޭރު ބުނެފައިވެއެވެ.

ނަމަވެސް ފާޑުކިއުންތައް އަމާޒުވުމުން، މިމަހުގެ 11ވަނަ ދުވަހު ފަށައި، އެޗްޑީސީން ވަނީ ސްޕީޑު ބްރޭކަރުގެ ތެރެއިން ބައެއް އެއްޗެހި ނައްޓާލައިފައެވެ.

ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި އެޗްޑީސީން މިދިޔަ އަހަރު ހުޅުމާލޭގެ މަގުތަކަށް ބަދަލުތައް ގެނެސް، ވަށްބުރުތަކާއި ސައިން ބޯޑުތައް އިތުރުކޮށްފައިވެއެވެ.

comment ކޮމެންޓް