ތަރައްގީއަށް ގަސް ކަނޑަން ޖެހިދާނެ، އެކަމަކު ކަނޑާ އަދަދަށްވުރެ ގިނައިން ގަސް އިންދާނަން: ޠާރިޤް

މިފަހުން އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކަނޑާފައި: މިނިސްޓަރު ވިދާޅުވީ ތަރައްގީއަށް ގަސް ކަނޑަން ޖެހިދާނެ ކަމަށާއި އެކަމަކު ކަނޑާ އަދަދަށްވުރެ ގިނައިން ގަސް އިންދާނެ ކަމަށް --- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ

ތަރައްގީގެ މަޝްރޫއުތަކަށް ގަސްކަނޑަން ޖެހިދާނެ ކަމަށާއި، ނަމަވެސް އެއަށް ވުރެ މާ ގިނަ ގަސް އިންދަވާނެ ކަމަށް، ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށްޓަކައި އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކަނޑާލުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޠާރިޤް ވިދާޅުވީ، އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ހުއްދައެއް ބޭނުންވާނީ 200އަށް ވުރެ ގިނަ ގަސްގަހާގެހި ކަނޑާ ނަމަ ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާއިރު، ތިމާވެށްޓަށް ބައެއް ފަހަރު ނޭދެވޭ އަސަރުކުރާނެކަން ފާހަގަކުރައްވައި ޠާރިޤް ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ބަލަނީ އެކަންކަން މަދުކުރެވޭތޯއެވެ.

"މިހާރު ގަހެއް ކަނޑައިފިއްޔާ ދެ ގަސް އިންދަން އެބަ، އެކަމަކު އަޅުގަނޑުމެން އެއަށްވުރެ މާ ގިނަ ގަސް މި އިންދަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުން. މިހާރު ވެސް އެއް މިލިއަން ގަސް އިންދައިފިން،" އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤް ޖަވާބުދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިސާލަކަށް މަގެއްގެ މެދުގައި ގަހެއް ހުރެއްޖެނަމަ، ތަރައްގީގެ މަޝްރޫއެއް ހިންގަން އެ ގަސް ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.

ބައެއް ގަސްގަހާގެހި ހެދިފައި ހުންނަ ތަންތަނުން ނަގައިފިއްޔާ ހެދޭއިރު، އަނެއްބައި ގަސްގަހާގެހި އެހެން މާހައުލުތަކުގައި ނުހެދޭކަން ޠާރިޤް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ނަގާ ގަހަކަށް އަޅުގަނޑުމެން ގަސް އިންދާނަން، އެއީ ޔަގީންކަމެއް،" އޭނާ ވިދާޅުވިއެވެ.

ޠާރިޤް މިފަދައިން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ފިހާރަތައް ކައިރީގައި ހުރި ބިޔަ، ދުވަސްވީ ގަސްތައް ނެގުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

https://sun.mv/215636

އެކަމާ ގުޅޭ ގޮތުން، ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ، ބްލޫ ޕީސްއިން ކުރި ޕޯސްޓެއްގައި ވަނީ، ގިނަ އަހަރުތަކެއް ވަންދެން އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކެނޑުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެ ގަސްތައް ހުއްޓަސް މަގު ފުޅާކުރެވުނީސް ކަމަށް ބުނެ، އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ސިޔާސީ ބައެއް ބޭބޭފުޅުންވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލާއި މަގު ހެދުމުގެ މަސައްކަތްކުރަމުންދާ އެމްޓީސީސީއާ 'ސަން'އިން ސުވާލުކުރުމުން އޭގެ ތެރެއިން އެމްޓީސީސީން އިއްޔެ ބުނީ، މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ އީއައިއޭގައިވާ ގޮތަށް ކަމަށެވެ. އަދި ކައުންސިލުން ހުއްދަދީފައިވަނީ އީއައިއޭއާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދަން ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިން ވެސް އަމީނީ މަގު ހަދަން އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތަކެއް ނެގިއެވެ. އެހެންވެ، އޭރު ވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ.

ދާދި ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، އެ ރަށުގެ ރައްޔިތުން ވަނީ، މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ދެ ނިކަ ގަހެއް ނެގުމަށް އެދިފައެވެ. އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ ފަހުން ރައީސް ވަނީ، ދެ ނިކަ ގަސް ނެގުމަށް ފަހު، އެ އަވަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް