މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން ދަތުރުތަކަށް ފައިސާ ނަގަން ފަށައިފި

ސަރުކާރު ޓެކްސީ ލައިންގެ ކާރެއް: ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން ދަތުރުތަކުގެ ފީ ނަގަން ފަށައިފި -- ފޮޓޯ/ އެމްޓީސީސީ

ސަރުކާރުން މާލޭގައި ތައާރަފުކުރި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން، އެމްޓީސީސީން ވަނީ ދަތުރުތަކަށް ފައިސާ ނަގަން ފަށައިފައެވެ. ފުރަތަމަ ދެ ހަފުތާގައި ދަތުރުތައް ހިލޭ ކޮށްދިނުމުން، ޚިދުމަތަށް ބާރުބޮޑުވެ، ކޯލް ސެންޓަރަށް ގުޅުމަށާއި ކާރު ލިބުމުގައި އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. މީގެ އިތުރުން، ޚިދުމަތަށް ހާއްސަކޮށް ހެދި ވެބް އެޕްލިކޭޝަނެއްގެ ސެކިއުރިޓީ މައްސަލަތަކެއް ފެންމަތިވެ އެ އެޕްލިކޭޝަންވެސް ވަނީ ނަގާފައެވެ. 150 ކާރާއެކު މި ޚިދުމަތް ފެށި ނަމަވެސް، ޓެކްސީ ހޯދުމުގެ ދަތިކަމަށް އަދިވެސް އެދެވޭ ހައްލެއް ނުލިބޭކަމަށް އާންމުން ދަނީ ބުނަމުންނެވެ.

  • މާލެ ޓެކްސީ ލައިނުން އާންމު އަގުތަކުގައި ފައިސާ ނަގަން ފެށުން
  • ހިލޭ ދަތުރުކޮށްދިން ދެ ހަފުތާގައި ޚިދުމަތަށް ބާރުބޮޑުވެ ޝަކުވާ ގިނަވުން
  • ވެބް އެޕްލިކޭޝަންގެ ސެކިއުރިޓީ މައްސަލަތަކާ ގުޅިގެން އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލުން
  • ޓެކްސީ ހޯދުމަށް އޮތް ތަކުލީފަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް އާންމުން ގަބޫލުކުރުން

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން ދަތުރުތަކަށް ފައިސާ ނަގަން ފަށައިފިއެވެ.

މި މަހުގެ ދެވަނަ ދުވަހު، ސަރުކާރުން މާލޭގައި ފެށި ޓެކްސީ ލައިނުގެ ޚިދުމަތް، ފުރަތަމަ ހަފުތާގައި ވަނީ ހިލޭކުރަން ނިންމައިފައެވެ. ނަމަވެސް އޭގެ އިތުރު ހަފުތާއަށް ވަނީ ދަތުރުތައް ހިލޭ ކޮށްދީފައެވެ.

އެފަހުން މިއަދު އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މިހާރު ދަތުރުތަކަށް ފައިސާ ނަގަން ފަށާފައިވާ ކަމަށެވެ.

ޓެކްސީ ލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެސް އާއްމުކޮށް ޓެކްސީ ކުރާ އަގުތަކުގައެވެ.

https://sun.mv/220482

ފާހަގަކުރެވޭ ގޮތުގައި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށިފަހުން ވަނީ އެ ޚިދުމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތައާރަފުކުރި ފުރަތަމަ ހަފުތާގައި އެކަނިވެސް ޚިދުމަތަށް ބާރުބޮޑުވެ، ހޮޓްލައިން ނަންބަރު، 1655 އަށް ނުގުޅޭ ކަމަށް އާންމުން އައީ ބުނަމުންނެވެ. އެގޮތުން ކިޔޫގައި ވިއްސަކަށް މިނެޓު މަޑުކުރަން ޖެހި، ކާރަށްވެސް ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ބައެއް އާންމުން އައީ ކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްޓީސީސީން އޭރު ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. އަދި ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު، އެމްޓީސީސީން ވަނީ ވެބް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. ނަމަވެސް ވެބް އެޕްލިކޭޝަން ތައާރަފުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭ ވަނީ ނަގައިފައެވެ. އެގޮތުން، އެ ވެބް އެޕްލިކޭޝަންގައި ރަޖިސްޓްރީވުމަށް އާންމުން ދޭ މައުލޫމާތު ލީކުވާ ކަމުގެ ކަންބޮޑުވުން ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ.

https://sun.mv/220705

ޓެކްސީ ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މި މަޝްރޫއު ފެށި ނަމަވެސް، އާންމުންގެ މެދުގައި އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ބައެއް ރައްޔިތުން ފާހަގަކުރާ ގޮތުގައި، ދަތުރުތައް ހިލޭ ކޮށްދެމުން ދިޔަ ނަމަވެސް، ޓެކްސީ ހޯދުމަށް އޮތް ތަކުލީފަށް އެދެވޭ ލުޔެއް އަދި ލިބިފައެއް ނުވެއެވެ. ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު ޓެކްސީއެއް ހޯދުމަކީ އަދިވެސް ނުހަނު އުނދަގޫ ކަމެކެވެ.

މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.

comment ކޮމެންޓް