ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ފިހާރަތައް ކައިރީގައި ހުރި ބިޔަ، ދުވަސްވީ ގަސްތައް ނެގުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓު ނިންމައި، ދެވަނަ ސެގްމަންޓު ވެސް ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށީ، އަތޮޅު ފިހާރަތައް ކައިރީ ދުވާރުމައްޗާ ދިމާލުގައި ހުރި ގަސްތައް ނެގުމުންނެވެ. ބައެއް ގަސްތައް މުލުން ލުހެލައި، ކަނޑައިފައި ހުރި ފޮޓޯތައް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.

އަތޮޅު ފިހާރަ ކައިރީ ހުރި ގަހެއް ނަގާފައި ---- ސަން ފޮޓޯ
އެކަމާ ގުޅޭ ގޮތުން، ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ، ބްލޫ ޕީސްއިން ކުރި ޕޯސްޓެއްގައި ވަނީ، ގިނަ އަހަރުތަކެއް ވަންދެން އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ކެނޑުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެ ގަސްތައް ހުއްޓަސް މަގު ފުޅާކުރެވުނީސް ކަމަށް ބުނެ، އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކާއި ތިމާވެށި ރައްކާތެރިކުރުމުގައި ހަމަހަމަކަން ނުގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މާލޭގައި މިހާރު ހުރި ދުވަސްވީ މަދު ގަސްތައް ކަނޑައިގެން ނޫނީ މަގުތައް ނުހެދިގެން އުޅެން ޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށް ސައިފް ވިދާޅުވިއެވެ.

އަތޮޅު ފިހާރަތައް ކައިރީ ހުރި ގަސްތައް ނެގުމުން އެ ސަރަހައްދު މިހާރު އޮތް ގޮތް ---- ސަން ފޮޓޯ
އޭގެ އިތުރުން، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މާލޭގެ ބަނދަރުމަތީގައި ހިޔާދޭ ބޮޑެތި ގަސްތައް ހައްދައިގެން ފިނިކުރުމަށް އިސްރަށްވެހިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.
"މާލޭގެ ބަނދަރުމަތީން ގަސްތައް ކަނޑައި، ހޫނު ހަނަފަސް ތަނަކަށް ހެދުމަކީ ވަރަށް ބޮޑު ގޯހެއް،" އާޒިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، މާލޭގައި ހުރި ''ހުރިހާ ގަސްތަކެއް ކެނޑުން'' ހުއްޓުވުމަށް ގޮވައިލެއްވިއެވެ.
މިއަދު ކަނޑާލި ގަސްތަކަށް އިޝާރަތްކުރައްވައި ރޮޒައިނާ ވިދާޅުވީ، ވެރިކަމުގެ ފަސް އަހަރެއްގައި ބޮޑެތި ގަސްތަކެއް ނުހެދޭ ކަމަށާއި އެ ގަސްތައް ކަނޑާލުމަކީ ޖަރީމާއެއް ކަމަށެވެ.

އަތޮޅު ފިހާރަތައް ހުރި ސަރަހައްދުގައި ހުރި ގަސްތައް ނަގާފައި: ގިނަ ބަޔަކު އެހެންވެ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން --- ސަން ފޮޓޯ
"ވެރިން އައިސްފައި ދާނެ، އެކަމަކު ތި ގަސްތައް ހުންނަން އަހަރުމެން ބޭނުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އެކި މީހުން އަންނަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އެމްޓީސީސީގެ ބަހެެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އަމީނީ މަގު ހަދަން އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތަކެއް ނެގިއެވެ. އެހެންވެ، އޭރު ވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ.
ދާދި ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، އެ ރަށުގެ ރައްޔިތުން ވަނީ، މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ދެ ނިކަ ގަހެއް ނެގުމަށް އެދިފައެވެ. އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ ފަހުން ރައީސް ވަނީ، ދެ ނިކަ ގަސް ނެގުމަށް ފަހު، އެ އަވަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފައެވެ.