އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން ޝަރީފް ވަކިކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް -- ފޮޓޯ: ސޯޝަލް މީޑިއާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް މިއަދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މިކަން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވާފައިވާއިރު، މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ދީފައިވާ އިރުޝާދުގެ ދަށުން އެޅި ފިޔަވަޅެއްކަމަށް މައުލޫމާތު ލިބެއެވެ. މި ސަރުކާރު އައި ފަހުން އެ މަގާމަށް އައްޔަންކުރެއްވި ޝަރީފް މަގާމުން ވަކިކޮށްފައިމިވަނީ، އޭނާ ނިސްބަތްވާ ޅ. ހިންނަވަރު ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕާޓީއަށް ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ.

  • އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަރީފް ވަކިކޮށްފި.
  • މަގާމުން ވަކިކުރީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ޕީސީބީން އެންގި އެންގުމުގެ ދަށުން.
  • މިދިޔަ ކައުންސިލް އިންތިޚާބަށް ފަހު ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލުތަކެއް އަންނަނީ ގެންނަމުން.
  • ޝަރީފް ނިސްބަތްވާ ހިންނަވަރުގެ އިންތިޚާބު ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފައި.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް، މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޝަރީފް އެ މަގާމުން ވަކިކުރިކަން އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ މަގާމުން ވަކިކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ދީފައިވާ އިރުޝާދުތަކުގެ ދަށުންނެވެ.

އަހުމަދު ޝަރީފަކީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްޓީސީސީގެ އިސް މަގާމަކަށް އައްޔަންކުރެއްވީ މި ސަރުކާރު އައި ފަހުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށް ފަހު، ސަރުކާރުގެ އޮނިގަނޑަށާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

މި ބަދަލުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

ޅ. ހިންނަވަރަށް ނިސްވަތްވާ ޝަރީފް މަގާމުން ވަކިކޮށްފައި މިވަނީ ހިންނަވަރު ކައުންސިލްގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށް، ޕީއެންސީއަށް އެރަށުން ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް