އދ. އަތޮޅު ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ތަޖުރިބާ ދަތުރުތަކެއް ރާއްޖޭން ބޭރަށް ކުރުމަށްޓަކައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ އދ. އަތޮޅުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭން ބޭރަށް ތަޖުރިބާ ދަތުރުތައް ކުރުމަށްޓަކައި އެ ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ޖުމުލަ 624،641 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 އިން މާރިޗު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އެ ކައުންސިލްގެ 10 މެންބަރުންގެ ތެރެއިން އަށް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ދަތުރެއް ކޮށްފައިވާ ކަމަށެވެ.
މި ދަތުރަށް ހިނގާނެ ޚަރަދުތައް ލިބޭނެ އެހެން ގޮތްތަކެއް ހޯދުމަކާ ނުލައި ކައުންސިލް ބަޖެޓުން, 238،700 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ތަޖުރިބާ ދަތުރުގައި ފިލިޕީންސަށް ދިޔަ އދ. އަތޮޅު ކައުންސިލްގެ މީހުން ފިލިޕީންސްގައި--- ފޮޓޯ: އދ. އަތޮޅު ކައުންސިލް
ތަޖުރިބާ ހޯދުމުގެ ބޭނުމުގައި ކަމަށް ބުނެ ކޮށްފައިވާ މި ދަތުރަށް ނުވަ މީހުންގެ ޑީއެސްއޭއާއި ޕޮކެޓްމަނީއަށް ވަނީ 198،177 ރުފިޔާ ޚަރަދުކޮށްފައެވެ. އަދި، އެ ނުވަ މީހުންގެ ޓިކެޓަށް ވަނީ 40،523 ރުފިޔާ ޚަރަދުކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުގައި މި ޚަރަދުތައް ކޮށްފައިވަނީ, ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ އެއްގޮތަކަށް ނޫނެވެ.
މީގެ އިތުރުން، އެ ކައުންސިލުގެ 10 މީހުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 އިން ސެޕްޓެންބަރު ހަތަރުވަނަ ދުވަހަށް ފިލިޕީންސަށް, ދަތުރެއް ކޮށްފައިވާއިރު އެ ދަތުރުގެ ޚަރަދަށް 385،941 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެ ޚަރަދަކީ ވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ނޫން ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް އޮޑިޓް ރިޕޯޓްގައި ވަނީ އެ ކައުންސިލްގެ ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެ ކައުންސިލަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވާއިރު އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދު ބުނާ ފިޔަވަޅުތައް އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖޭން ބޭރަށް ކައުންސިލްތަކުން ގިނަ އަދަދެއްގެ ދަތުރުތައް ކުރާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ އެ ދަތުރުތަކަކީ ފައިދާއެއް ނެތް ދަތުރުތަކެއްގެ ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް ސިފަކުރައްވައެވެ.