ފުރާވަރުގެ އުމުރުން ފެށިގެން ޒުވާނުންނަށް ޚާއްސަކޮށް، މި ހަފުތާ ބަންދުގައި ޔޫތު މިނިސްޓްރީން "ލިޓް ފެސްޓު"ގެ ނަމުގައި ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ، އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރައަށް އަމާޒުކުރާ މި ފެސްޓިވަލުގައި ފަންނުވެރިކަމާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ކެލިގްރަފީއާއި ކްލޭ އާޓް ފަދަ އެކި ބާވަތް ބާވަތުގެ އަތްތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތަކާއި، ލަވަ ކިއުމާއި ނެށުމާއި ފްރީސްޓައިލާއި ސްޓޭންޑް އަޕް ކޮމެޑީ ފަދަ މުނިފޫހިފިލުވުމުގެ ހުނަރުތައް މި ފެސްޓިވަލުން ފެނިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ފެސްޓިވަލުގައި ބައިވެރިވާ ޒުވާނުންނަށް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ހަރަކާތްތަކަށް ހިނގާނެ ޚަރަދު މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ، ތިން ދުވަހުގެ މި ފެސްޓިވަލަށް އާންމުންނަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ. އަދި ފެސްޓިވަލުގެ ބައިވެރިން އާންމުންނަށް ތަކެތި ވިއްކަން ފުރުސަތު ލިބޭނެ ކަމަށްވެސް ބުންޏެވެ.
ލިޓް ފެސްޓުގައި ބައިވެރިވާ ޒުވާން ކުދިން ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާންޖެހޭ ގޮތަށް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ، މި ފެސްޓިވަލުގައި ބައިވެރިވާން އެދޭ ޒުވާނުން މިނިސްޓްރީގެ ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ކިއުއާރުކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން ކަމަށްވެސް މިނިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ފެސްޓިވަލް އޮންނާނީ މި ހަފުތާގެ ބަންދުގައި، ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް، ލިލީ މަގުގައި ހުންނަ ޔޫތު ހަބުގައެވެ.