އުމުރު މާލޭގައި: އެކަމު ވޯޓުލާންވީ ތަކަންދޫ ކައުންސިލް ހޮވަން؟

އުމުރުން މިވީ 32 އަހަރުގެ ތެރެއިން 62.5 ޕަސެންޓް ދިރިއުޅުނީ, އަދިވެސް މި އުޅެނީ ވެރިރަށް މާލޭގައެވެ. އޭގެ ތެރެއިން ގަލޮޅު ދެކުނުގައި އުޅޭތާ އެކަނި ވެސް 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި, މަގުތަކުގައި އިންތިޒާމެއް ނެތުމާއި, އަހަރީ ފީ އަތުލާފައި ޕާކް ކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ކުރާތީއާއި ބުޅާ ސީ މަގުގައި ގިނަވުމުން ފެށިގެން ކޮންމެ ދުވަހަކީ ވެސް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ.

ނަމަވެސް، މި މުނިސިޕަލް ޚިދުމަތްތަކުގެ ޝަކުވާއާއި ކަންބޮޑުވުން ހިއްސާކުރެވޭކަށް ނެތެވެ. އެއީ، އަހަރެން ވޯޓުލާން ޖެހެނީ މާލެއާއި 290 ކިލޯ މީޓަރު ދުރުގައި އޮންނަ ހއ. ތަކަންދުއަށް ކައުންސިލަރުން ހޮވަން ކަމުގައި ވާތީއެވެ. ފަސް އަހަރުން އެއް ފަހަރު ރަށަށް ނުދެވުނު ނަމަވެސް, އަދި ރަށުން ޚިދުމަތެއް ނުހޯދާތާ 20 އަހަރުވި ނަމަވެސް ރަޖިސްޓްރީ ރަށުގައި އޮތަތީ ރަށުގެ މުނިސިޕަލް ކަންކަން ކުރަން ހޮވާ ކައުންސިލަރުން ކަނޑައެޅުމަށް އަހަރެންނަށް ވެސް ވޯޓް ލެވެއެވެ.

މިއީ ހަމަ އެތައް ބައެއްގެ ހާލެވެ. ރާއްޖޭގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މާލޭގައެވެ. މާލޭގައި ދިރިއުޅެނީ ކުޑަ ދުވަސްކޮޅަކަށް ނޫނެވެ. އެ މީހުންގެ އުމުރުގެ ބޮޑުބައި މާލޭގައެވެ. އަދި، މަދުން ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ރަޖިސްޓްރީ އޮންނަ ރަށް ނޫން އެހެން އަތޮޅުތެރޭ ރަށްރަށުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް އެބަތިއްބެވެ. އެ މީހުން ހުރިހާ ބޭނުމެއް ފުއްދަނީ އެ ދިރިއުޅޭ ރަށަކުންނެވެ. އަދި، މަންމަ ނުވަތަ ބައްޕަގެ ރަށުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް އުމުރުން އެއް ފަހަރު ވެސް އެއިން ރަށަކަށް ނުދާ އެތައް ބަޔަކު ވެސް އެބަ އުޅެއެވެ. ނަމަވެސް، ހަމަ ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓުލާން މި ޖެހެނީ ރަޖިސްޓްރީ އޮތް ރަށުގެ ކައުންސިލް ހޮވާށެވެ.

"ތިރީސް އެއް އަހަރު މާލޭގައި މި ވަނީ. ހުޅުދޫ ކައުންސިލަށް ކުރިމަތިލާ މީހުންނަކީ ކޮން ބައެއްކަން ވެސް ނޭނގޭ. ނަން ނޭނގޭތާ ކުރާނެ ކަމެއް ވެސް ނޭނގޭ. އެކަމަކު މާލޭގެ ހުރިހާ ކަމެއް އެނގޭ. ލައްކަ ޝަކުވާ ވެސް އެބަހުރި. އެކަމަކު، ކީއްކުރާނީ ހުޅުދުއަށް ކައުންސިލަރުން ހޮވަން ވޯޓު ލާން މި ޖެހެނީ," އުމުރުން 35 އަހަރުގެ އައްޑޫ ޒުވާނަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ރާއްޖޭގައި މި އޮތް ނިޒާމު ކަމަކު ނުދޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯ މަތިވަމުން އަންނައިރު މިއީ އަނެއްކާ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. ރާއްޖޭގައި މި އޮންނަ ގޮތަށް ކައުންސިލްތައް ހޮވަން ވޯޓު ލުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންނަ ގޮތެއް ނޫނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ގެންގުޅޭ ނިޒާމަކީ "ރެސިޑެންސް ބޭސްޑް ވޯޓިން"އެވެ.

ރެސިޑެންޓް ބޭސްޑް ވޯޓިން ނިޒާމަކީ އެ މީހަކު ރަޖިސްޓްރީ އޮންނަ ތަނަކަށް މީހުން ހޮވަން ވޯޓުލުމުގެ ބަދަލުގައި އެ މީހަކު ގިނަ ދުވަސްތަކެއް ވަންދެން އެ ދިރިއުޅޭ ތަނެއްގެ އިންތިޚާބުގައި ވޯޓުލުމެވެ. އެ ސިޓީއެއް ނުވަތަ ރަށެއް, ނުވަތަ ޓައުނެއްގައި އުޅޭތާ ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަސްވެފައިވާނަމަ, އެ ތަނަކަށް ކައުންސިލަރުންނާއި މޭޔަރުން އިންތިޚާބުކުރަން ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ދިނުމެވެ.

މިއީ ދުނިޔޭގެ ތަހުޒީބީ އެތައް ގައުމެއްގައި އަމަލުކުރާ ގޮތެވެ. އޭގެ ތެރޭގައި, އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިއާއާއި ނިއުޒިލޭންޑާއި ޖަރުމަނާއި ސިންގަޕޫރުގެ އިތުރުން ޖަޕާނާއި ސްވިޑަން ވެސް ހިމެނެއެވެ. ގިނަ ގައުމުތަކުން ރެސިޑެންޓް ބޭސްޑް ވޯޓިންގެ ފުރުސަތުތައް ލޯކަލް ކައުންސިލް އިންތިޚާބުގައި ދޭއިރު ބައެއް ގައުމުތަކުގައި މަޖިލީހަށް މެންބަރުން ހޮވުމުގައި ވެސް އެ ނިޒާމު ހަމަ އެ ގޮތަށް ބޭނުންކުރެއެވެ.

މި ނިޒާމުން ލިބޭ ފައިދާ ވަރަށް ބޮޑެވެ. ފުރަތަމަ ކަމަކީ ސީދާ އެ ބައެއްގެ ޚިދުމަތަށް މީހުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބުމެވެ. ތިމާ އެ ތަނަކަށް އާއްމުކޮށް ގޮސް ނޫޅޭ, ނުވަތަ އެ ތަނަކުން ޚިދުމަތް ނުހޯދާ ތަނަކަށް މީހުން ހޮވަން ވޯޓުލާން ވެއްޖެ ނަމަ އެއީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. މި ނިޒާމުގެ އަނެއް ފައިދާއަކީ ކައުންސިލްތައް ޒިންމާދާރުކުރަން ވަކާލާތު ކުރުމުގެ ފުރުސަތު ލިބުމެވެ. ހަމަ ގައިމުވެސް އެ ތަނެއް ރަނގަޅު ކުރާނެ ކަންކަމުގެ ވާހަކަ އެ މީހަކަށް ދެއްކޭނީ އެ މީހަކަށް ދިމާވާ ތަޖުރިބާގެ މައްޗަށް ބަލާފައި ކަމަށްވާތީއެވެ.

ގދ. އަތޮޅު ކައުންސިލްގެ ރަސްމީ ޖަލްސާއެއްގެ ތެރެއިން: -- ފޮޓޯ/ ކައުންސިލް

ނަމަވެސް، ރާއްޖޭގައި މިހާރު މި އޮތް ޒަމާންވީ ނިޒާމަކީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި، ރާއްޖޭގައި މިއޮތް ނިޒާމަށް އަމަލުކުރަނީ ވެސް ޑިމޮކްރަސީ އެހާ ހަރުދަނާ ނޫން, ސްރީލަންކާއާއި ނޭޕާލާއި, ޕާކިސްތާން ފަދަ ގައުމުތަކުންނެވެ.

ރާއްޖޭގައި މި އޮތް ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުން ވެސް ވަރަށް އާއްމެވެ. އޭގެން އެއް ކަމަކީ ކޮންމެ ފަހަރަކު ވެސް ވޯޓަކަށް ވަނިކޮށް, ރަށުގައި ނޫޅޭ އެ ރަށުގެ މީހުން އެ ރަށްރަށަށް ގޮސް އެކިއެކި ކަންކަން ކޮށްގެން އެ މީހުންގެ ނުފޫޒު ފޯރުވޭ މީހުން މަގާމުތަކަށް އިންތިޚާބުކުރުމެވެ. އެ ގޮތަށް ގިނައިން އަމަލުކުރާ މީހުންނަކީ އެ މީހުން ނިސްބަތްވާ ޕާޓީ ވެރިކަމުގައި އޮންނައިރު އެކިއެކި ނާޖާއިޒު ތަނަވަސްކަން ހޯދާ މީހުންނެވެ. ރަށްރަށުގެ ވޯޓާ އެ މީހުން ކުޅެނީ އެ މީހުންގެ އެ ބާރުވެރިކަން، އެ މީހުންގެ ޕާޓީއަށް ދެއްކުމަށްޓަކައެވެ.

ބަދަލުކުރާ ވާހަކަދެއްކިޔަސް ބަދަލެއް ނުވޭ

ކޮންމެ ލޯކަލް ކައުންސިލްތަކެއްގެ އިންތިޚާބަކާ ގުޅުވައިގެން ވެސް ރެސިޑެންސް ބޭސްޑް ވޯޓިން ނިޒާމަކަށް ދާން ޖެހޭ ވާހަކައިގެ އަޑުގަދަވެއެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަމުގެ އަމަލީ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ފަހަރެއްގައި ސިޔާސީ މަންފާއަށް ވިސްނާފައި ނުކުރަނީ ކަމަށް ވެދާނެއެވެ.

ރާއްޖޭގެ ހުރިހާ ވެރިކަންތަކެއްގައި ވެސް ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށް ވުރެ އިސްކުރަނީ އޭރަކު ސިޔާސީ ގޮތުން ބާރުގަދަ މީހުންނަށް ނެގެން އޮތް އެޑްވާންޓޭޖެއް ނެގޭނެ ގޮތެކެވެ. ރާއްޖޭގެ ވޯޓުލާ މި ނިޒާމު ބަދަލުކުރަން ބޭނުންވަނީ ގާނޫނަށް އިސްލާހުތަކެކެވެ. މީގެ ކުރިން އެ ގޮތަށް ގާނޫނު އިސްލާހުކުރަން އެތައް ފަހަރަކު އިލެކްޝަންސް ކޮމިޝަނުން ވެސް ވަކާލާތު ކޮށްފައި އެބަވެއެވެ.

އިލެކްޝަންސްގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކައުންސިލަރުން ހޮވަން ރާއްޖޭގައި މި އޮތް ނިޒާމު އެއްގޮތަކަށް ވެސް ދެކޮޅެއް ނުޖެހެއެވެ. އޭގެ ބަދަލުގައި ރެސިޑެންސް ބޭސްޑް އުސޫލަކަށް ވޯޓުލުމުގެ ފުރުސަތު ދޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތެއް ވެސް ނޫން. އެ މީހަކު ވޯޓުލާން ވާނީ އެ މީހަކު އާއްމުކޮށް ޚިދުމަތް ހޯދާ ތަނަކަށް ނޫނީ ރަށަކަށް މީހުން ހޮވަން. ރަޖިސްޓްރީ އޮންނަ ތަނަކަށް ނޫން," އީސީގެ މެންބަރުކަން ވެސް ކުރެއްވި އެ ބޭފުޅާ ވިދާޅުވިއެވެ.

އައްޑޫގައި ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓުލުން -- ފޮޓޯ/ ޕީއެސްއެމް
ކުރިއަށް ދާން ބޭނުންނަމަ ކާމިޔާބު މީހުންގެ ގޮތްތައް ބަލައި ދިރާސާކޮށް, އެ މަގުން ކުރިއަށް ދާން މަސައްކަތް ކުރަން ޖެހެއެވެ. ލޯކަލް ކައުންސިލްތަކަށް މީހުން ހޮވުމުގައި ވެސް ރާއްޖެއަށް އެ އުސޫލު މުހިންމެވެ. އެ ނިޒާމަށް ބަދަލު ކޮށްލުމަކީ މާ ބޮޑު ކަމެއް ނޫނެވެ. މިއީ ތަހުޒީބީ ގައުމުތަކުގައި އެކަންކަން ކޮށް, ނިޒާމު ހަދާފައިވާ ކަންކަމެވެ.

ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު މި ބަދަލަކީ ކޮންމެހެން ވެސް މުހިންމު ބަދަލެކެވެ. އެ މީހަކު ދިރިއުޅޭ ތަނަކަށް ވެރިން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހެއެވެ. ރަޖިސްޓްރީ އެ ތަނެއްގައި އޮތްނަމަ ވެސް އެތަނަކަށް ނުދާ, ނުވަތަ ޚިދުމަތެއް ނުހޯދާ ތަނަކަށް ވޯޓު ލާން ޖެހުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. މި ކަމުގައި ރާއްޖެއަށް މިވަނީ ބަދަލެއް ބޭނުންވެފައެވެ.

comment ކޮމެންޓް