ޕީއެންސީގެ ޕްރައިމަރީގައި 94 ދާއިރާއަކަށް، 308 ކެންޑިޑޭޓުން ވާދަކުރަނީ

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ޕީއެންސީގެ ޕްރައިމަރީ 94 ދާއިރާއަކަށް، 308 ކެންޑިޑޭޓުން ވާދަކުރާނެ -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.

ޕީއެންސީން ނެރުނު އިއުލާނެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ނަންތައް ހާމަކޮށްފައެވެ. އެ އިއުލާނުގައިވަނީ، ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި މީހުންގެ ތެރެއިން، ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ މީހުންގެ މައުލޫމާތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކާއި ޕާޓީގެ މެންބަރުންގެ ލިސްޓު ވެސް ޕާޓީ ޕޯޓަލްއިން، ކެންޑިޑޭޓުންނަށް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ ނަންބަރު، 9323686އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ބުނެފައެވެ.

ޕީއެންސީން ބޭއްވި އެއްވުމެއްގައި ރައީސް؛ އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެއެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ޕްރައިމަރީ ބާއްވަން އޮތީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ ހިތަދޫ، ސްޓާސް، ޑރ. އަހުމަދު އަދީލް ނަސީރާއި ހިތަދޫ، ތުނިޔަ، މުޝްރިފް އަލީއެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު 68،665އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ.

https://sun.mv/215691

ދެވަނައަށް އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 16ގައެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.

comment ކޮމެންޓް