އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާނެ ކަން އެޕާޓީން މިއަދު ހާމަކޮށްފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހު 16ގައި ބާއްވަން އެ ޕާޓީން ތައްޔާރު ވަމުން އަންނައިރު، އެ ޕާޓީން މިއަދު ވަނީ، ޕްރައިމަރީގައި ވާދަ ކުރާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.
ކެންޑިޑޭޓުން ނަމްބަރާ އެކު އާންމުކުރި، އެ ލިސްޓުގައިވާ ގޮތުން، ސިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ރަށް ހިމެނޭހެން 30 ރަށަކުން ޖުމުލަ 154 ކެންޑިޑޭޓުން އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއެވެ.
މިގޮތުން، ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ވާދަކުރަން 129 މީހުން ވަނީ ކުރިމަތިލާފައެވެ.

އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން: ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ ޓިކެޓު ހޯދަން ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރަނީ -- ފޮޓޯ/ އެމްޑީޕީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 23 ކެންޑިޑޭޓުން އެމްޑީޕީ ޓިކެޓު ހޯދަން ކުރިމަތިލާފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓު ލިބިފައެވެ. އެ ތަފުސީލު ހޯދުމަށް 'ސަން'އިން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ ޓިކެޓަށް އޮތީ ވާދަވެރިކަން ބޮޑުވެފައެވެ. އެ ވާދަވެރިކަމުގެ ތެރޭގައި، އެ ޕާޓީގެ ތެރޭގައި ވަނީ، ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ފެކްޝަނެވެ. ނަމަވެސް މިއަދު ޞާލިޙް ވަނީ، ވަރަށް އަވަހަށް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް ހަތަރު ވަނަ ދުވަހެވެ.