ވައިބާ ހެކުކޮށް 150،000 ރުފިޔާ ހޯދި މައްސަލައިގައި 22 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފި

ވައިބާ ހެކްކޮށް ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި ތިން ވަނަ މީހާ: އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައި -- ފޮޓޯ/ ފުލުހުން

މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފިއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 30ގައި ފުލުހަށް ހުށަހެޅި އެ މައްސަލައިގައި، ވައިބާ ހެކްކޮށްގެން، އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދައި، އެ ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:

  • ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ)
  • ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ)އެވެ.
  • ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ)

މިއަދު ފުލުހުން ބުނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ހމ. ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) ކަމަށެވެ.

https://sun.mv/214954

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

https://sun.mv/214977

ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ ހަފުތާގައި ސްކޭމްގެ 39 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. އެ މައްސަލަތަކުގައި 395,319.57 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން 169,979.50 ރުފިޔާ ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ވަނީ، އެންމެ ގިނައިން ސްކޭމް ކޮށްފައިވަނީ އޮންލައިންކޮށް އެއްޗެއް ގަނެވިއްކުމުގެ ނަމުގައި އާއި ޝަޚުސު އޮޅުވާލައިގެން ކަމަށް ބުނެފައެވެ.

comment ކޮމެންޓް