މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) ކަމަށެވެ.
އެ މުއައްސަސާއިން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ، މިދިޔަ އާދިއްތަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ބުރާސްފަތި ދުވަހު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގައިފައި ކަމަށް، މިހާތަނަށް ތަހުގީގަށް ވަނީ އެނގިފައެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތަށް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ މަހު ވެސް ސްކޭމްގެ 164 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. އެ މައްސަލަތަކުގައި 1.52 މިލިއަން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން 387،971 ރުފިޔާ ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.