ޖައްވުގައި 49 އަހަރު ދުވަހު ދަތުރުކުރުމަށްފަހު، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ވޮޔެޖާ 1 އުޅަނދު ދުނިޔެއާ އެއް "ލައިޓް-ޑޭ" ނުވަތަ އަލީގެ ދުވެލީގައި އެއް ދުވަހުން ދަތުރުކުރެވޭހާ ދުރުމިނަށް ދަތުރުކޮށް، އިންސާނީ ތާރީޚުގައި އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.
މި ތާރީޚީ ލަނޑުދަނޑިއަށް ވޮޔެޖާ 1 ވާސިލުވެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެއް ލައިޓް-ޑޭއަކީ ގާތްގަނޑަކަށް 16.1 ބިލިއަން މޭލު (25.9 ބިލިއަން ކިލޯމީޓަރު) ގެ ދުރުމިނެވެ. މިއީ ދުނިޔެއިން ފޮނުވާ ސިގްނަލެއް އަލީގެ ބާރުމިނުގައި ދަތުރުކޮށްފައި ގޮސް އެ އުޅަނދަށް ފޯރުމަށް 24 ގަޑިއިރު ނަގާހާ ދުރުމިނެކެވެ.
މިހާ ދުރުގައި އުޅަނދު އޮތުމުގެ ސަބަބުން، ދުނިޔެއިން ފޮނުވާ އަމުރަކަށް ވޮޔެޖާ 1 އިން ޖަވާބެއް ހޯދުމަށް ޖުމްލަ 48 ގަޑިއިރު ނުވަތަ ދެ ދުވަސް ހޭދަވެއެވެ. ސިކުންތަކު 186,000 މޭލުގެ ބާރުމިނުގައި ދަތުރުކުރާ އަލި، ދުނިޔެއިން ހަނދަށް ދިއުމަށް 1.3 ސިކުންތު ނަގާއިރު، އިރުގެ ނިޒާމުގެ އެންމެ ދުރުގައި އޮންނަ ނެޕްޗޫންއަށް ދިއުމަށް ނަގަނީ ހަތަރު ގަޑިއިރެވެ. ނަމަވެސް ނެޕްޗޫން ފަހަނައަޅައި ވޮޔެޖާ 1 އާ ހަމައަށް އަލި ފޯރުމަށް އިތުރު 20 ގަޑިއިރު ހޭދަވެއެވެ.
މި ތާރީޚީ ކާމިޔާބީއާ އެކުވެސް، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވޮޔެޖާ 1 އަށް ވަނީ ފަންނީ މައްސަލައެއް ކުރިމަތިވެފައެވެ. އެ ދުވަހުން ފެށިގެން އުޅަނދުގެ ސައިންޓިފިކް އަދި އިންޖިނިއަރިން މައުލޫމާތުތައް ދުނިޔެއަށް ލިބުން ވަނީ މެދުކެނޑިފައެވެ. ނަމަވެސް އުޅަނދުން ފޮނުވާ އާދައިގެ ރޭޑިއޯ ކެރިއާ ސިގްނަލް ލިބެމުންދާތީ، އުޅަނދުގެ ދަތުރުގެ މިސްރާބު ހިސާބުކޮށްގެން އެއް ލައިޓް-ޑޭގެ ދުރުމިނަށް ވާސިލުވިކަން ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީ (ޖޭޕީއެލް) ގެ ސައިންސްވެރިން ވަނީ ކަށަވަރުކޮށްފައެވެ.
ނަވާރަސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރު ޖައްވަށް ފޮނުވާލި ވޮޔެޖާ 1 އާއި އޭގެ އެއްމާބަނޑު އުޅަނދު ވޮޔެޖާ 2 އަކީ ޖުޕިޓާ އާއި ސެޓާން ފަދަ ބިޔަ ގުރަހަތަކުގެ ސާފު ފޮޓޯތަކާއި މުހިންމު މައުލޫމާތުތަކެއް އެންމެ ފުރަތަމަ ދުނިޔެއަށް ފޮނުވައިދިން އުޅަނދުތަކެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ވޮޔެޖާ 1 ވަނީ އިރުގެ ނިޒާމުގެ ބޭރުގައިވާ "އިންޓަސްޓެލާ ސްޕޭސް" އަށް ވާސިލުވި އިންސާނުން އުފެއްދި ފުރަތަމަ އުޅަނދުގެ ޝަރަފުވެސް ހޯދާފައެވެ.
ގަޑިއަކު 38,000 މޭލުގެ ބާރުމިނުގައި ދަތުރުކުރަމުންދާ މި އުޅަނދުގައި ދުނިޔޭގެ ދިރުމާއި ސަގާފަތް ދައްކުވައިދޭ އަޑާއި މަންޒަރުތައް ރައްކާކޮށްފައިވާ ރަން ޑިސްކެއް ކަމަށްވާ "ގޯލްޑަން ރެކޯޑް" ވެސް ހިމެނެއެވެ.
މި އުޅަނދުގެ ނިއުކްލިއާ ބެޓެރީގެ ހަކަތަ އަހަރަކު 4 ވޮޓްގެ ނިސްބަތުން ދަށްވަމުން ދިޔަ ނަމަވެސް، 2026 ވަނަ އަހަރުގެ ކުރީކޮޅު ނާސާއިން ގެނައި ފަންނީ ބަދަލުތަކާއެކު، އަންނަ 2027 ވަނަ އަހަރުގެ ހޫނު މޫސުމުގައި މި މިޝަނަށް 50 އަހަރު ފުރެންދެން އުޅަނދުގެ އާލާތްތައް މަސައްކަތް ކުރާނެ ކަމަށް ނާސާއިން އުންމީދު ކުރެއެވެ.