މި ފަހުން ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވާން ފެށި ފަހުން މިއަދަކީ މާލެ ސަރަހައްދަށް އެންމެ ހާލަތު ގޯސް ދުވަސް ކަމަށް, މެޓް އޮފީހުން މިއަދު ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެ ސަރަހައްދުގައި ވައިގެ ކޮލެޓީ ހުރީ ނުރައްކަލުގެ ރަތް ސަމާލުގައި ކަމަށެވެ. ދުރުފެންނަ މިންވަރު ވަނީ 1500 މީޓަރަށް ދަށްވެފައި ކަމަށާއި އެއީ މިފަހުން މިހާ ދަށްވި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާ ކޮލިޓީ މުޅި ރާއްޖެ ވެސް ދަށް. ޚާއްސަކޮށް މާލެ ސަރަހައްދަށް ވަރަށް ދަށް," އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ވައިގެ ކޮލެޓީ ހުރީ, އޮރެންޖު އެލާޓްގައި ކަމަށެވެ. އެއީ ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ހާލަތެވެ.
ރާއްޖެ ސަރަހައްދަށް ވައިސާފު ވާނެ ސީދާ ދުވަހެއް ދަންނަވަން ދަތި ކަމަށާއި ކުރިއަށް އޮތް ފަސް ދުވަހު ވެސް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތުން ވައި ސާފު ވާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ކަމަކީ، ކޮންމެ އަހަރަކު ވެސް މޫސުމީ ކަމެއްގެ ގޮތުގައި ދިމާވާ ކަމެއް ކަމަށް މެޓުން ބުނެއެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.