މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުން ދިއުމާ ގުޅިގެން މީހުން ޖިސްމާނީގޮތުން ހަރަކާތްތެރިވެ އުޅުން (ކަސްރަތުކުރުން ފަދަ ކަންކަން) މަދުވެ، 2050 ވަނަ އަހަރާ ހަމައަށްދާއިރު އަހަރަކު 470،000 އާއި 700،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވުން އެކަށީގެންވާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
'ދަ ލާންސެޓް ގްލޯބަލް ހެލްތު' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާގޮތުން، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ، އަހަރަކު 3.68 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދުނިޔޭގެ އިގުތިސާދަށް ލިބޭނެއެވެ.
ދުނިޔޭގެ 156 ގައުމެއްގެ މައުލޫމާތު ބޭނުންކޮށްގެން 2000 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި، ގައުމުތަކުގެ އެވްރެޖް ފިނިހޫނުމިން 27.8 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށްދާ ކޮންމެ މަހަކު، މީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު މުޅި ދުނިޔެއިން 1.4 އިންސައްތަ ދަށްވެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑުން ދާހިއްލުން އިތުރުވެ، ހިތުގެ ނިޒާމަށް ބާރުބޮޑުވެ، ހަށިގަނޑުން ފެންމަދުވުމުގެ ނުރައްކާ ބޮޑުވެއެވެ. މީގެ ސަބަބުން ކަސްރަތުކުރުން ފަދަ ކަންކަމާ މީހުން ދުރުވެއެވެ. މީގެ އިތުރުން ފިނިކޮށްފައި ހުންނަ (އޭސީ ކޮށްފައިވާ) ތަންތަނުގައި ގިނަވަގުތު ހޭދަކުރަން މީހުންނަށް މަޖުބޫރުވުމަކީވެސް އެއްތަނެއްގައި އިށީނދެ ތިބެވޭ މައިގަނޑު އެއް ސަބަބުކަމަށް ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ލަފާދެނީ ހަފްތާއަކު މަދުވެގެން 150 މިނެޓު މެދުމިންވަރެއްގެ ކަސްރަތު ނުވަތަ 75 މިނެޓު ބުރަ ކަސްރަތު ކުރުމަށެވެ. ނަމަވެސް މިހާރުވެސް ދުނިޔޭގެ ބޮޑެތި މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މި މިންވަރަށް ކަސްރަތެއް ނުކުރެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ކަސްރަތު ނުކުރެވި، އޭގެ ނަތީޖާއެއްގެ ގޮތުން މަސްތަކުގެ ބާރުދެރަވުމާއި، ސިކުނޑީގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި، ނިދި ގޯސްވުމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި މީހުންގެ މަސައްކަތުގެ ފެންވަރު ދަށްވެ، މަސައްކަތަށް ހާޒިރުނުވާ މިންވަރު ދަނީ އިތުރުވަމުންނެވެ.
ދެކުނު އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާ ފަދަ ހޫނު ގައުމުތަކުގައި މީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު އެހެން ގައުމުތަކާ އަޅާބަލާއިރު ދަށެވެ. މި ދިރާސާގައި ލަފާކޮށްފައިވާ ގޮތުން 2050 ވަނަ އަހަރާ ހަމައަށްދާއިރު އަވައްޓެރި އިންޑިއާގައި ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ކޮންމެ 100،000 މީހަކުން 10.62 އަށް އަރާނެއެވެ.
އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން ލަފާކުރާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށްދާއިރު ހަމައެކަނި ހޫނުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާހުރެ މުޅި ދުނިޔެއިން މަސައްކަތްކުރާ ވަގުތުގެ 2.2 އިންސައްތަ (ގާތްގަނޑަކަށް 80 މިލިއަން ފުލް-ޓައިމް ވަޒީފާ) ގެއްލިގެންދާނެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ދަނޑުވެރިކަމާއި (60 އިންސައްތަ) އިމާރާތްކުރުމުގެ (19 އިންސައްތަ) ދާއިރާއަށެވެ .
ދިރާސާކުރާ ފަރާތްތަކުން ލަފާދެނީ، ކަސްރަތުކުރުމާއި ހަރަކާތްތެރިވެ އުޅުމަކީ ހަމައެކަނި މީހާ އަމިއްލައަށް އިޚުތިޔާރުކުރާ ދިރިއުޅުމުގެ ވައްޓަފާޅިއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ މޫސުމާ ގުޅިފައިވާ އިންސާނީ ޟަރޫރީ ބޭނުމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ހޫނުން ރައްކާތެރިވުމަށް ހިޔާވާނެހެން ހިނގާބިނގާވެ އުޅޭ މަގުތައް ފަރުމާކުރުމާއި، ކަސްރަތުކުރާ ތަންތަން ފިނިކުރެވޭނެ އިންތިޒާމުތަކަށް ސަރުކާރުތަކުން ސަބްސިޑީ ދިނުމާއި، މަސައްކަތުގެ މާހައުލުގައި ހޫނުން ރައްކާތެރިވުމުގެ ހަރުދަނާ މިންގަނޑުތަކެއް އެކުލަވާލުމަކީ އާންމު ސިއްހަތު ސަލާމަތްކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.