ފޮޓޯ ނަގަން ސައުދީ އެމްބަސީގެ ފުރާޅަށް އެރި ޒުވާނަކު ފަސް ދުވަހަށް ބަންދުކުރުމަށް ފަހު އެ މުއްދަތު ހަމަ ވުމުން އިތުރުން ތިން ދުވަހަށް ބަންދު ކުރަން, ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިދިޔަ ހަފުތާގައި އާންމުވި ޕޯސްޓެއްގައި ވަނީ މިދިޔަ އަންގާރަ ދުވަހުގައި ފޮޓޯ ނެގުމަށް, ކާނިވާ ސަރަހައްދުގައި ހުންނަ ސައުދީ އެމްބަސީ އޮފީހުގެ ފުރާޅުމައްޗަށްއެރި ދެ ޒުވާން ފިރިހެނުންނާއި 17 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރުކުރި ކަމަށެވެ.
މި ކަމުގައި ކުޑަކުއްޖަކާ 18 އަހަރުގެ ފިރިހެނަކު ބައިވެރިވި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވުނު ނަމަވެސް ކްރިމިނަލް ކޯޓު އަމުރުން އެނގޭގޮތުގައި ބަންދުކޮށްފައިވަނީ 19 އަަހަރުގެ ފިރިހެނަކު އެކަންޏެވެ.
އޭނާގެ ބަންދަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ޖެހި ފަސް ދުވަސް ހަމަވެގެން އިއްޔެ ވަނީ ބަންދުގެ މުއްދަތު އިތުރު ކުރަން ހާޒިރު ކޮށްފައެވެ. އިއްޔެ އަނެއްކާ ވެސް އެ ޒުވާނާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހައިފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަ ނޫން ތަނަކަށް ވަތް ކަމަށެވެ. އަދި އެކަމަށް އޭނާ އިއުތިރާފް ވެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
އޭނާ ވަތްތަނަކީ އާއްމުން ވަނުން މަނާކޮށް, ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ތަނެއް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އެ ޒުވާނާ ކޯޓުގައި ކުރިން ބުނީ، އެ ތަނުގެ ފުރާޅަށް އެރިއިރު އެއީ ސައުދީ އެމަބްސީކަން ނޭނގޭ ކަމަށާއި އެ ފަދަ ނިޝާނެއް ވެސް ނުފެންނަ ކަމަށެވެ.
އެ ތަނަށް އެރީ ކުރިން އެ ތަނުގައި ހުރެ އެހެން މީހުން ފޮޓޯއާއި ވީޑިއޯ ނަގާފައިވާތަން ފެނުމުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ފުރާޅު މަތީގައި ހުރިއިރު މީހުން ބަލައި ހެދުމުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އިހުސާސްްވެގެން 10 ވަރަކަށް މިނެޓު ތެރޭގައި ފޭބިކަމަށް އެ މީހާ ބުންޏެވެ.
އެ މީހާ ވަނީ އޭނާއަކީ މީގެ ކުރިން އެފަދަ ކަމެއް ދުވަހަކު ވެސް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އެ ކަމަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައެވެ. ކޯޓު އަމުރުގައި ވެސް ވަނީ އޭނާއަކީ ބަންދު ނުވަތަ ހައްޔަރުގެ ރިކޯޑެއް ވެސް އޮތް މީހެއް ނޫންކަން ފާހަގަކޮށްފައެވެ.