ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ފުލުހުންގެ އެހީތެރިކަމާއެކު އެ ފުލުސް މީހާ ހިޔާގެ އެޕާޓްމަންޓަކުން ނެރޭއިރު އޭނާގެ ބޯފެޅި ވަރަށް ބޮޑަށް ލޭ އަންނަމުންދާ މަންޒަރެވެ. އެ ވަގުތު ވެސް އާއްމުންގެ ބަޔަކު އޭނާއާ ކުރިމަތި ލުމަށް މަސައްކަތް ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އަނިޔާވި ފުލުސް މީހާއަށް ސޯޝަލް މީޑިއާގައި ކުރަމުން އަންނަނީ ހުތުރު ތުހުމަތެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ފުލުސް މީހާއަށް ހަމަލާދީފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި މައްސަލައިގެ ވަށައިގެންވާ ކަންކަން ފުލުހުންގެ އިދާރާއިން މިހާރު ދަނީ ބަލަމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު ތަފްސީލުތައް އާންމުކުރަމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.