އިމުގެ މައްސަލައިގައި ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ހިނގާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އިސް ޑިޕްލޮމެޓުން މެލޭޝިއާގައި މިއަދު ބައްދަލު ކުރަން ނިންމައިފިއެވެ.
އެގޮތުން ޑިޕްލޮމެޓުން މަސައްކަތް ކުރާނީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ ޗެއާމަންގެ ހައިސިއްޔަތުން މެލޭޝިއާއި އެމެރިކާގެރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން ދެ ގައުމުގެ ދެމެދުގައި ޖުލައި މަހު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން އަލުން ގާއިމު ކުރުމަށް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި ބާއްވާ ބައްދަލުވުމުގައި ތައިލެންޑާއި ކެމްބޯޑިއާގެ މަންދޫބުން ބައިވެރިވާނެއެވެ.
މިއީ މި މަހުގެ އަށްވަނަ ދުވަހު އަލުން ހަނގުރާމަ ފެށިފަހުން ތައިލެންޑާއި ކެމްބޯޑިއާ ބައްދަލުކުރާ ފުރަތަމަ ބައްދަލުވުމެވެ. މި ފަހަރުގެ ހަމަލާތައް އިސްވެ ދިން ކަމަށް ދެ ގައުމުން ވެސް ތުހުމަތުކުރެއެވެ.
އާސިއާންގެ 11 މެމްބަރު ގައުމު އޮންނައިރު، އެ ގައުމުތަކަކީ އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް، ތައިލެންޑު، ބުރުނާއި، ވިއެޓްނާމް، ލާއޯސް، މިޔަންމާ، ކެމްބޯޑިއާ އަދި ޓީމޯ ލެސްޓޭ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ކުއާލާލަމްޕޫރުގައި މިއަދު ބާއްވާ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކެމްބޯޑިއާގެ ބަންޓޭ މީއަންޗޭ ޕްރޮވިންސްގެ ޕޮއިޕެޓް ޓައުންއަށް ތައިލެންޑުން ދިން ވައިގެ ހަމަލާގައި ހަލާކުވެފައިވާ ސަރަހައްދެއް. ފޮޓޯ/އޭއެފްޕީ
"އަޅުގަނޑުމެންގެ ވާޖިބަކީ ހަގީގަތްތައް ހުށަހެޅުން، ނަމަވެސް އެއަށްވުރެ މުހިންމު ކަމަކީ ސުލްހަ ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމީހުންނަށް އަންގައިދިނުން." އަންވަރު ވިދާޅުވިއެވެ.
ކެމްބޯޑިއާ އިން ބުނީ މި މަޝްވަރާތަކުގެ މަގުސަދަކީ ސުލްހައާއި ހަމަޖެހުމާއި ރަނގަޅު ގުޅުންތަކެއް އަލުން ގާއިމްކުރުން ކަމަށާއި، މައްސަލަތައް ހައްލުކުރަން ޖެހޭނީ ސުލްހަވެރިކޮށް ކަމަށެވެ.
ތައިލެންޑުން މި ބައްދަލުވުމަކީ މުހިންމު ފުރުސަތެއް ކަމަށް ބުނި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަ ފަށައި ހަނގުރާމަ ނިމުނު ކަމަށް ފުރަތަމަ އިއުލާނު ކުރަންޖެހޭނީ ކެމްބޯޑިއާއިން ކަމަށް ޝަރުތުކޮށްފައިވެއެވެ.
އެމެރިކާއާއި ޗައިނާއިންވެސް އަންނަނީ އެ ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މަޝްވަރާ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވާއިރު، މިއަދުވެސް ތައިލެންޑުން ކެމްބޯޑިއާގެ ބަންޓޭއީ މެންޗައި ޕްރޮވިންސަށް ބޮމުގެ ހަމަލާއެއް ދީ ވިހަ ގޭސް ދޫކޮށްފައިވާ ކަމަށް ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މަހު އަލުން ހަމަލާތައް ފެށި ފަހުން ގާތްގަޑަކަށް 40 މީހުން މަރުވެ، ބޯޑަރުގެ ދެފަރާތުން ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.