ސަޢުދީ ޢަރަބިއްޔާގައި ސަލާންޖަހަން އުޅުނު 56،000 ޕާކިސްތާނު ރައްޔިތުން ޑީޕޯޓުކޮށްލައިފި

ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝޭހްބާޒް ޝަރީފް--ފޮޓޯ/ދަ އިކޮނޮމިކް ޓައިމްސް

ޢަރަބި ޤައުމުތައް ކަމަށްވާ ޔޫއޭއީ، ސަޢުދީ ޢަރަބިއްޔާ، ކުވައިތު، އަޒަރުބައިޖާން އަދި ބަޙްރައިން ފަދަ ޤައުމުތަކުން ޕާކިސްތާނަށް ނިސްބަތްވާ ގިނަ ބަޔަކު ސަލާންޖަހާ އުޅޭ މަންޒަރަކީ މިފަހަކަށް އައިސް ވަރަށް އާއްމު މަންޒަރެއް ކަމަށް ކަރާޗީގެ ނޫހެއް ކަމަށްވާ ދަ ނިއުސް އިންޓަނޭޝަނަލްގެ ރިޕޯޓެއްގައި ދާދިފަހުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ފާއިތުވެދިޔަ މަހު ޔޫއޭއީއިން ވަނީ ވަރަށް ގިނަ ޕާކިސްތާނު ރައްޔިތުންނަށް އެ ޤައުމުގެ ވިސާ ދިނުން ވެސް ހުއްޓާލާފައެވެ.

ގަލްފް ޤައުމުތަކުގައި ޕާކިސްތާނަށް ނިސްބަތްވާ ގިނަ ބަޔަކު ސަލާންޖެހުމުގެ ހަރަކާތްތައް ހިންގަމުންދަނީ ޢަރަބި ޤައުމުތަކުންދޭ ހަރުކަށި އިންޒާރުތަކަށް ބެލުމެއްނެތި އެ މީހުން އަނބުރާ ޤައުމަށް ފޮނުވާލިޔަސް އެންމެ ރަނގަޅު ކަމަށް ނިންމައިގެން ކަމަށް ކަރާޗީގެ ނޫހުގައި ވަނީ ބަޔާންކޮށްފައެވެ.

ކަރާޗީގެ ދަ ނިއުސް އިންޓަނޭޝަނަލްގައި ބަޔާންކޮށްފައިވާ ގޮތުން ދާދިފަހުން ސަޢުދީ ޢަރަބިއްޔާއިން ވެސް ވަނީ އެ ޤައުމުގައި ސަލާންޖެހުމަށް އުޅުނު ޕާކިސްތާނަށް ނިސްބަތްވާ 56،000 ރައްޔިތުން ޑީޕޯޓުކޮށްލާފައެވެ.

ޕާކިސްތާނުގެ ދެމަފިރިއަކު ސައުދީގައި ސަލާންޖަހަން މަގުމަތީގައި މަޑުކޮށްލައިގެން--ފޮޓޯ/ދަ އިކޮނޮމިކް ޓައިމްސް

މިއީ ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކަށްވެފައިވާއިރު ސަލާންޖެހުމުގެ ހަރަކާތްތައް ހިންގާ ޖަމާޢަތްތައް އެ ޤައުމުން ބޭރުވުން ހުއްޓުވުމަށް ޓަކައި މި އަހަރު އެކަނިވެސް 66،000 އަށް ވުރެ ގިނަ ފަސިންޖަރުން އެއާޕޯޓުގައި ހިފަހައްޓައި ޗެކް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން ބޭރުވުމުގެ އިތުރުން އަވަށްޓެރި އެހެނިހެން ޤައުމުތައް މެދުވެރިކޮށް ޢަރަބި ޤައުމުތަކަށް ޕާކިސްތާނުގެ ސަލާންޖަހާ ގިނަ ބަޔަކު ދަތުރުކުރަން މަސައްކަތްކުރާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ މަހު ޔޫއޭއީއިން ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުމުގެ މައިގަނޑު ސަބަބުތަކުގެތެރޭ އެ ޤައުމަށް ދަތުރުކުރާ ބައެއް މީހުން ޖިނާޢީ ކުށްތަކުގައި ބައިވެރިވެ، ސަލާންޖެހުމުގެ ހަރަކާތްތައް ފުޅާދާއިރާގައި ހިންގުމުގެ ކަންބޮޑުވުންތައް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިދިޔަ އަހަރު ޕާކިސްތާނުގެ ރައްޔިތުން ސަޢުދީއަށް ޢުމްރާ އަޅުކަމަށް ދިއުމުގެ ނަމުގައި ވިސާ ނެގުމަށްފަހު ނަހަމަ ގޮތުގައި ވިސާގެ ބޭނުންކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް ވެސް ސަޢުދީ ސަރުކާރުން ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުގައި ވަނީ އެދިފައެވެ.

ޕާކިސްތާނުގެ ބޯޑާ ކޮންޓްރޯލް ސެކިއުރިޓީ އެޖެންސީ ކަމަށްވާ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީގެ އިސްވެރިޔާ ރިއްފަތު މުޚްތާޜު ކަރާޗީގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ޤަވައިދާ ޚިލާފަށް ހިޖުރަކުރުމާއި ސަލާންޖެހުމުގެ ނެޓްވޯކްތަކުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީ ޕާކިސްތާނުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ ގިނަ ބަޔަކު ސަލާންޖެހުމަށް ޢަރަބި ޤައުމުތަކަށް ހިޖުރަކުރަނީ ޢަރަބި ޤައުމުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދަތުރުކުރާ ޤައުމުތަކަށް ވެފައި ހާއްސަކޮށް ސަޢުދީ ޢަރަބިއްޔާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ މުސްލިމުންގެ ޢަދަދު އިތުރުވެ ގިނަ މީހުން ޒަކާތް ދިނުމުގެ ގޮތުން ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދޭތީއެވެ.

އެއީ އެފަދަ ސަލާންޖަހާ މީހުންނަށް އާމްދަނީ ފަސޭހައިން ހޯދޭ ގޮތެއް ކަމަށް އެ މީހުން ދެކޭތީ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ދާދިފަހުން ޢުމްރާގެ އަޅުކަން ނިންމާލުމަށްފަހު އެނބުރި ޕާކިސްތާނަށް ދިޔަ އެ ޤައުމުގެ ރައްޔިތަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަޢުދީގެ މަގުތައް ޕާކިސްތާނުގެ ސަލާންޖަހާ މީހުންތަކުން ފުރިފައިވާ ކަމަށާއި އޭނާ ޕާކިސްތާނު މީހަކަށްވީތީ ވެސް ލަދުގަންނަ ދަރަޖައަށް އެމީހުން ސަލާންޖެހުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ.

"އަހަރެން މިހާރު ޢުމްރާ ނިންމާފައި އައީއެވެ. އަދި އަހަރެން ދަންނަވާލަން ބޭނުންވަނީ، ޕާކިސްތާނުގެ ރައްޔިތަކަށް ވީތީ އަހަރެން ލަދުގަންނަކަމެވެ. އެމީހުން ބިން ދާވޫދު ފިހާރައިގެ ތެރޭގައި ވެސް ސަލާންޖަހައެވެ. ޢުމްރާގެ އަޅުކަން ކުރިއަށްދާ ވަގުތުގައި ވެސް ސަލާންޖެހުން ހުއްޓައެއް ނުލައެވެ.

ހަމައެއާއެކު ސަޢުދީ ޢަރަބިއްޔާގެ މަގުތަކުގައި ވެސް މެދުކެނޑުމެއް ނެތި އެ މީހުން ޖަމާޢަތް ހަދައިގެން ސަލާންޖަހަމުން ގެންދެއެވެ" އެމީހާ ބުނެފައިވެއެވެ.

comment ކޮމެންޓް