ސިވިލް ސާވިސް ނުވަތަ ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގައި އަމަލު ކުރަމުން އަންނަ ގަވައިދު ކުރިން އޮތް ގޮތަށް ބަދަލު ކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ދަންނަވާފައިވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހެދުން އެޅުން އަޚުލާގީ މިންވަރަށް ވުރެ ދަށްވެފައިވާ ކަމަށް ބުނެ، ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ރަައީސް ވިދާޅުވީ ކުރީގެ ސިވިލް ސާވިސް ގަވައިދުގައި ހެދުން އެޅުމަށް އޮތީ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށާއި އެ ކަން މިހާރު ބަދަލުވެފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު: ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވައިދު ކުރިން އޮތް ގޮތަށް ބަދަލު ކުރަން އަންގަވާފައިވާކަން އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް
އަޅުގަނޑަށް ލިބިފައިވާ ގާނޫނީ ހަމަތަކުގެ މަތިން ދަންނަވައިފިން ސިވިލް ސާވިސްގައި ކުރިން އޮތް ގޮތަށް އިއާދަކޮށްދޭށޭ. ކުރީގައި އޮތް ގޮތަށް ގަވައިދު ބަދަލުކޮށްފައި، ގެޒެޓުކުރައްވައިގެން އަމަލު ކުރައްވަން ފައްޓަވާށޭރައީސް ޑރ. މުޙައްމަދު މުއިއްޒު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސިވިސް ސާވިސް ނުވަތަ ސަރުކާރު މުވައްޒަފުން ރަސްމީ ގަޑީގައި ކުރިން އޮތް ގަވައިދުގައި އޮތް މިންގަނޑު މިހާރުގެ ގަވައިދަށް ވުރެ ރަނގަޅެވެ.
ޑިސެމްބަރު 25، 2010ގައި، ސިވިލް ސާވިސްގެ ގަވައިދު އިސްލާހުކޮށް، ސިވިލް ސާވިސްގެ މަސައްކަތުގައި މުވައްޒަފުން ހެދުން ބަހައްޓަންވީ ގޮތްތައް އާންމުކުރިއެވެ.
އޭރު މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު މައިގަނޑު ގޮތެއްގައި ބަހާލަފައި ވަނީ ތިން ބަޔަކަށެވެ. އެއީ އަންހެނުން ހެދުން އަޅަންވީ ގޮތާއި، ފިރިހެނުން ހެދުން އަޅަންވީ ގޮތާއި ރަސްމީ ވަގުތުގައި މުވައްޒަފުން ބޭނުންކުރުން ހުއްދަނޫން ހެދުމާއި ތަކެތީގެ މައްޗަށެވެ.
ހެނދުން އެޅުމުގެ ގަވާއިދުގައި ވާގޮތުން "އޮފީސް ހެދުން" ފަހާފައި ހުންނަން ވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުންނެވެ. އެއީ ޓީޝާޓު ފޮއްޗާއި އެތެރެ އެނގޭ ފަދަ ތުނި ފޮއްޗާއި ކާޓޫނާއި ކުރެހުމާއި އެކަށީގެން ނުވާފަދަ ލިޔުންތައް ލިޔެފައިވާ ފޮއްޗަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އޭގެއިތުރަށް، އަންހެނުން ބޭނުންކުރާ ކޮންމެ ބާވަތެއްގެ ހެދުމެއް ވެސް ކަރު ހުންނަންވާނީ "މުޖުތަމައުގެ އަދަބާ ހިލާފާނުވާގޮތަށް ކަރުވަޅު ނިވާވާ ގޮތަށް" ކަމަށް އޭރު ގަވައިދުގައި ކަނޑައަޅާފައި އޮތެވެ.
ފިރިހެން މުވައްޒަފުންނަށް އަތް ދިގު އަތް ކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށް އެ ގަވާއިދު ބުނެ އެވެ. އަދި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަން ވާނީ ދިގު ފަޓުލޫނު ކަމަށާއި ފަޓުލޫނު ހުންނަން ވާނީ ފައިގެ ތަނބިކަށީގެ މަތީ ކައިރިއަށް ވުރެ ކުރުނުވާ ވަރަށެވެ.
އެ ގަވައިދުތަކަށް އަމަލު ކުރަން ފެށީ، ޖަނަވަރީ އެކެއް، 2011އިން ފެށިގެނެވެ.