ދ. އަތޮޅު މަދަރުސާގައި "ބީޓެކް ހޮސްޕިޓަލިޓީ" އަދި "ޓްރެވަލް އެންޑް ޓުއަރިޒަމް" މާއްދާ ކިޔަވައިދިނުމަށް ގެނައި އިންޑިއާ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް 82،529 ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އިޝާރާ ޢަބްދުލްޢަޒީޒް ނިންމެވި މި މައްސަލައަކީ، މެއި 28، 2024 އިން ފެށިގެން ދ. އަތޮޅު މަދަރުސާގެ ބީ-ޓެކް ހޮސްޕިޓާލިޓީ ޓީޗަރެއްގެ މަގާމުގައި ހުރި އިންޑިޔާ މީހަކު، އެކަށީގެންވާ ސަބަބެއް ނެތި އެ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ވަޒީފާއިން ވަކިކުރުމުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ސީއެސްސީން ކޯޓުގައި ބުނެފައިވަނީ، ޓީޗަރު ވަޒީފާއިން ވަކިކުރީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދަރިވަރުން ފާސްވާ ނިސްބަތް 75 ޕަސެންޓްގައި ހިފެހެއްޓިފައި ނުވުމާއި، ކިޔަވައިދިނުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ މާއްދާތަކާ ހަވާލާދީ ކަމަށެވެ.
ނަމަވެސް، ޓީޗަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އޭނާގެ ކިޔަވައިދިނުން އިސްލާޙުކުރުމަށް އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށާއި، ކިޔަވައިދިން ދަރިވަރުންގެ ފާސްވި ނިސްބަތް 81.82 ޕަސެންޓްގައި ހުރި ކަމަށެވެ.
ޓީޗަރު ވަޒީފާއިން ވަކިކުރާނެކަން އަންގައި 10 ސެޕްޓެންބަރުގައި ސިޓީ ދީފައިވާއިރު، ފުރަތަމަ ޓާމުގެ އިމްތިޙާނު ބާއްވައިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ސެޕްޓެންބަރު 12، 2024 ގައެވެ. އެހެންކަމުން، އިމްތިޙާނުގެ ނަތީޖާ ލިބުމުގެ ކުރިން، ހަމައެކަނި ޔުނިޓް ޓެސްޓަކަށް ބަލައި ފާސްވި ނިސްބަތް ދަށްކަމަށް ނިންމައި ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރި ގޮތެއް ނޫން ކަމަށް ޓްރައިބިއުނަލުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ސްކޫލުން ތައްޔާރުކުރި "ލެސަން އޮބްޒަވޭޝަން ރިޕޯޓް"ތައް މުދައްރިސާ ހިއްސާކޮށްފައި ނުވާކަމާއި، އޭގައިވާ ކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުޞަތެއް ދީފައި ނުވާކަން އެނގެން އޮތުމުން، އޭނާގެ މަސައްކަތުގެ އަޚްލާގު ނުވަތަ ފެންވަރު ދަށްކަމަށް ނިންމާފައިވަނީ ޢަދުލުވެރި ހަމައަކުން ނޫން ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.
ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއް ނުވަތަ ޚިޔާނާތެއް ވެއްޖެ ހާލަތެއްގައި ކަމަށްވާއިރު، މި މައްސަލައިގައި އެފަދަ ކަމެއް ހިނގާފައި ނުވާކަމާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން އިދާރީ ތަޙުގީގެއް ހިންގާފައި ނުވާކަން ޓްރައިބިއުނަލުން ފާހަގަކުރިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވީ ސީއެސްސީން ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، މިއީ "އަންފެއާ ޑިސްމިސަލް" ނުވަތަ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންވެ، އެ ޓީޗަރަށް 82،529 ރުފިޔާ ދޭން ޓްރައިބިއުނަލުން އެންގީއެވެ.
ރާއްޖެއަކީ ބިދޭސީ ޓީޗަރުން ގިނަ ގައުމެއް ކަމަށްވާއިރު، އޭގެ ތެރޭގައި އިންޑިއާއިން ގެންނަ ގިނަ އަދަދެއްގެ ޓީޗަރުން ހިމެނެއެވެ.