ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް "ސިވިލް ސާވިސްގެ މަސައްކަތުގައި މުވައްޒަފުން ހެދުން ބަހައްޓަންވީ ގޮތް"ތައް ކަނޑައަޅައި އެ ގަވާއިދު މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފި އެވެ.
މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު މައިގަނޑު ގޮތެއްގައި ބަހާލަފައި ވަނީ ތިން ބަޔަކަށެވެ. އެއީ އަންހެނުން ހެދުން އަޅަންވީ ގޮތާއި، ފިރިހެނުން ހެދުން އަޅަންވީ ގޮތާއި ރަސްމީ ވަގުތުގައި މުވައްޒަފުން ބޭނުންކުރުން ހުއްދަނޫން ހެދުމާއި ތަކެތީގެ މައްޗަށެވެ.
ހެނދުން އެޅުމުގެ ގަވާއިދުގައި ވާގޮތުން "އޮފީސް ހެދުން" ފަހާފައި ހުންނަން ވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުންނެވެ. އެއީ ޓީޝާޓު ފޮއްޗާއި އެތެރެ އެނގޭ ފަދަ ތުނި ފޮއްޗާއި ކާޓޫނާއި ކުރެހުމާއި އެކަށީގެން ނުވާފަދަ ލިޔުންތައް ލިޔެފައިވާ ފޮއްޗަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އަންހެނުން މުވައްޒަފުން ހެދުމުގެ ގޮތުގައި ދިގުހެދުމާއި ލިބާސް އަދި އޮފީސް ހެނދުން ބޭނުން ކުރެވިދާނެ ކަމަށް އެ ގަވާއިދު ބުނެ އެވެ. ނަމަވެސް މަސައްކަތުގެ ގަޑީގައި "ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި" ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ.
އަންހެނުން ބޭނުންކުރާ ކޮންމެ ބާވަތެއްގެ ހެދުމެއް ވެސް ކަރު ހުންނަންވާނީ "މުޖުތަމައުގެ އަދަބާ ހިލާފާނުވާގޮތަށް ކަރުވަޅު ނިވާވާ ގޮތަށް" ކަމަށާއި ގަމީސް އަދި ސޫޓް ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަބައި ހުންނަންވާނީ މައްޗަށް އަތްދަމާލީމާ ތިރީބަޔާއި މާތީބައިގެ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށާއި ހެދުމުގެ ދިގުމިން ހުންނަން ވާނީ ބުޑުގެ ތިރީކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާވަރަށް ކަމަށް އެ ގަވާއިދުގައިވެ އެވެ.
އަންހެނުންނަށް ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އާއި މޭކަޕް ބޭނުން ކުރެވޭނެ ކަމަށާއި، ބޯ ކަޅުރާ ނަމަވެސް "އިސްތަށި ގަނޑުގައި ރަތް، ނޫ، ހުދު، ރީނދޫ، ފަދަ ކުލަޖެއްސުމަކީ ނުވަތަ ކުލައިން ޑޭޝްކޮށް ހައިލައިޓް ކުރުމަކީ" ހުއްދަކަމެއް ނޫން ކަމަށް އެ ގަވާއިދު ބުނެ އެވެ.
އަންހެނުންނަށް ކަންފަތުގައި ގިނަވެގެން ދެ މުދި ލެއްވިދާނެ ކަމަށާއި ކަންފަތުގައި ލެވޭނީ ފާޅުނުވާ ކުރު އެއްޗެހި ކަމަށް އެ ގަވާއިދު ބުނެ އެވެ. އަދި އެލޭ އެޗެހި ކަންފަތުގައި ލުން ހުއްދަ ނަމަވެސް "ދިގުކޮށް ދިއްލިފައި ހުންނަ އެއްޗިއްސާއި ބޮޑެތި އެއްޗެހި ލުމަކީ ހުއްދަކަމެއް ނޫން" ކަމަށް އެ ގަވާއިދު ބުނެ އެވެ.
ފިރިހެން މުވައްޒަފުންނަށް އަތް ދިގު އަތް ކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށް އެ ގަވާއިދު ބުނެ އެވެ. އަދި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަން ވާނީ ދިގު ފަޓުލޫނު ކަމަށާއި ފަޓުލޫނު ހުންނަން ވާނީ ފައިގެ ތަނބިކަށީގެ މަތީ ކައިރިއަށް ވުރެ ކުރުނުވާ ވަރަށެވެ.
އަތް ދިގު ބުސް ގަމީސް ފިޔަވައި އެހެން ގަމީސްތައް ދަށަށް ޖަހަންވާނެ ކަމަށް އެ ގަވާއިދު ބުނެ އެވެ.
ފިރިހެނުންގެ ޓައީގައި އެކަށީގެން ނުވާ ފަދަ ބަހާއި މަންޒަރާއި ކުރެހުމާއި ކާޓޫނާއި ފޮޓޯ ހުރެގެން ނުވާނެ ކަމަށާއި "ޓައިގެ ގޮތުގައި ވާކޮޅެއް ކަރުގައި އެލުވުމުން، ޓައިއަކަށް ނުބެލެވޭނެ" ކަމަށް އެ ގަވާއިދު ބުނެ އެވެ.
އެއްވެސް ފިރިހެނަކު "ފާޅުކަން ބޮޑު" މޭކަޕެއް ކުރުމާއި ގަހަނާއެއްގެ ގޮތުގައި އަނގޮއްޓި ފިޔަވައި އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެޅޭނީ ކިތައް އަނގޮއްޓިކަމެއް ބުނެފައެއް ނުވެ އެވެ.
ފިރިހެނުންނަށް ވެސް އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި އެއްވެސް ކުލައެއް ބޮލުގައި ނުޖެއްސޭނެ ކަމަށް އެ ގަވާއިދު ބުނެ އެވެ.
ފިރިހެނުންގެ އިސްތަށިގަނޑު ހުންނަށް ވާނީ ރީތިކޮށް ކޮށައި ފުނާ އަޅައިފައި ކަމަށާއި، ބޮލުގައި ހުޅި ޖެހުމާއި، އިސްތަށި ގަނޑުގެ ވަކިބައެއް ދިގުކޮށްފައި ވަކިބައެއް ބާލާފައި ބެހެއްޓުމަކީ ހުއްދަކަމެއް ނޫންކަމެއް ނޫނެވެ.
އެއްވެސް މުވައްޒަފަކު ޓެނިހަކަށް ނުވަތަ ޖޮގިން ބޫޓަކަށް ނުވަތަ ފެންފައިވާ ނަކަށް ނުވަތަ އޮފީހާ ނުގުޅޭ ފައިވާނަކަށް އަރައިގެން އައުމަކީ މަނާކެއް ކަމަށް އެ ގަވާދު ބުނެ އެވެ.
ގަވައިދުގައި ޖުމްލަކޮށް ބުނެފައި ވަނީ އޮފީސް ހެދުން ވާން ޖެހޭނީ ހިދުމަތް ލިބިގަތުމަށް އޮފީހަށް އަންނަ މީހުންގެ ކުރިމަތީގައި އޮފީހުގެ ގަދަރު ހިފެހެއްޓޭ ފަދަ ހެދުމަކަށެވެ.
"ސާފުތާހިރު އެކަށީގެންވާ ނަލަ ހެދުމެއްގައި، އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބެލެހެއްޓި، ދިވެހި މުޖުތަމުއު ގަބޫލުކުރާ އަހުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގަ އެވެ. އަދި ލައިގެން ހުންނަ ހެދުމަކީ އެ ހެދުން އަޅާ މުވައްޒަފު ދޭން ޖެހޭ ހިދުމަތުގެ ބާވަތުން އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެސް ވެގެން ނުވާނެ އެވެ." އެ ގަވައިދުގައިވެ އެވެ.
އެ މިންގަނޑުތައް މުވައްޒަފުންގެ މައްޗަށް ލާޒިމުވެ ތަންފީޒުކުރަން ފަށާނީ 2011 [އަންނަ އަހަރު] ގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެ ގަވައިދުގައިވެ އެވެ.