ގައުމީ ވޮލީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އާދިލް، ކެންސަރު ބަލީގައި ނިޔާވެއްޖެ

މިއަދު ނިޔާވި އާދިލް [މ]ގައި: އޭނާގެ ކަށުނަމާދު އޮތީ މިރޭ އާސަހަރާ މިސްކިތުގައި ----

ދިވެހި ގައުމީ ވޮލީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހިމް އާދިލް (ކޮއްކޮ) ކެންސަރު ބަލީގައި މިއަދު ނިޔާވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް، އާދިލް ނިޔާވީ، 48 އަހަރުގައެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ތައުޒިޔާ ކިޔައި ކުރި ޕޯސްޓުގައި ބުނީ، އާދިލްގެ ލީޑަޝިފާއި އެ ކުޅިވަރަށް ހުރި ލޯބީގެ ސަބަބުން ކުރި މަސައްކަތްތައް ފާހަގަކުރެވެނީ، ރާއްޖޭގައި ވޮލީގެ ބިންގާ އެޅުމަށް މަގުފަހިކުރި މަސައްކަތްތަކެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން "ނިކަމެތި" ފެށުމަކުން ފެށި، ވޮލީބޯޅަ މިހާރު އޮތް ހިސާބަށް ގެނައުމުގައި އާދިލްގެ ބޮޑު ހިއްސާއެއް އޮތްކަން އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އާދިލްގެ ކަށުނަމާދު އޮތީ، މިރޭ 23:30ގައި އާސަހަރާ މިސްކިތުގައެވެ.

އާދިލް ނިޔާވުމާ ގުޅިގެން ވިމެންސް ކާވާ ކަޕް ވޮލީބޯޅަ މުބާރާތުގައި މިރޭ ރާއްޖެ އާއި އަފްގާނިސްތާން ބައްދަލުކުރި މެޗު ފެށީ، އާދިލްގެ ހަނދާނުގައި ގެނައި ސުކޫތަކުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، އާދިލް ވަނީ، ގައުމީ ވޮލީބޯޅަ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައެވެ. އަދި ރިސޯޓު މުބާރާތްތަކުގައި ޓީމުތަކާ އެކީ ކާމިޔާބީތައް ހޯދިއެވެ.

comment ކޮމެންޓް